ސޯޝަލް މީޑިއާގައި ދެފަހަރަކު އެއް ވާހަކައެއް ގިނަ ދުވަސްވަންދެން ދެއްކުމެއް ނޯވެއެވެ. އަބަދުވެސް އެންމެންގެ ސަމާލުކަން އެކި ދިމަދިމާލަށް ދަތުރު ކުރާއިރު، މީގެ ހަފްތާއެއް ވަރު ކުރިން އެންމެންހެން އެންމެ ގަދަޔަށް ދެއްކި އެތައް ވާހަކައެއް މިހާރު ވަނީ ހަނދާން ނެތިފައެވެ.
މިފަހަރުވެސް ހަމަ އެފަދަ ކަމެކެވެ. އެއީ ފުލުހުން ކޮންޑަކްޓް އިލެކްޓްރިކް ވެޕަން، ސީއީޑަބްލިއު ބޭނުން ކުރަން ފެށުމުންނެވެ. މިއީ ހަތިޔާރު އަމާޒުވާ މީހާއަށް އިލެކްޓްރިކް ޝޮކެއް ދިނުމަށް ބޭނުން ކުރާ ހަތިޔާރެކެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) މީގެ ހަފްތާއެއްވަރު ކުރިން ކުރެއްވި ޓުވީޓެއްގައި ހިއްސާ ކުރެއްވި ޕްރޮމޯޝަނަލް ވީޑިއޯ ކޮޅުން ފެންނަނީ މި ކަހަލަ އެކި ހަތިޔާރުގެ ތެރެއިންވެސް ޓޭޒާ ގަން ބޭނުން ކުރާ ތަނެވެ.
ސީޕީ ހަމީދުގެ ޓުވީޓާއެކު މުޅި ސޯޝަލް މީޑިއާ އުތުރި އެރީ މިކަމާ ދެކޮޅަށް މީހުން އަޑު އުފުލަމުންނެވެ. އެއްބަޔަކު ވަނީ ފުލުހުންގެ އަނިޔާވެރިކަމަށް ނިމުމެއް ނާންނަ ކަމަށް ބުނެފައެވެ. އަދި މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ފުލުހުން ނާޖާއިރު ގޮތުގައި ބާރުގެ ބޭނުންކޮށްފައި ހުރި ކަމަށާއި، އެފަދަ އެތައް މައްސަލަތަކެއް އަދިވެސް ނުބެލޭއިރު މިއީ ރަނގަޅު ނިންމުމެއް ނޫންކަމަށް ބުނެ އެތައް ބަޔަކު ދިޔައީ ފާޑު ކިޔަމުންނެވެ.
އަނެއް ބަޔަކަށް ސީޕީ ހަމީދު އާންމު ކުރެއްވި ޕްރޮމޯޝަނަލް ވީޑިއޯގެ އިތުރުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ޓުވިޓާގައި ހިއްސާ ކުރެއްވި ވީޑިއޯއާ މެދު ނުރުހުން ފާޅު ކުރިއެވެ. ނަމަވެސް މި ނުރުހުމަކީ ސޯޝަލް މީޑިއާގައި ދެތިން ދުވަހެއްގެ ކަމެކެބެ. އެއަށްފަހު މިހާރު މިއީ ނުވާ ކަމެކޭ އެއްފަދަ އެވެ.
ފުލުހުން ޓޭޒާ ގަން ބޭނުން ކުރަށް ފެށުމާއި ގުޅިގެން ފައިރޫޝް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޓޭޒާ ގަން ބޭނުން ކުރާ ހުރިހާ ފުލުހުންނަށްވެސް އޭގެން އަނެކާއަށް ކުރާ އިހުސާސު އެނގެން ޖެހޭ ކަމަށެވެ.
މިއީ ޓޭޒާ ގަން ބޭނުން ކުރާ ގިނަ ގައުމުތަކަކުންވެސް ކަން ކުރަމުން އަންނަ ގޮތެވެ. އެގޮތުން ޓޭޒާ ގަން ފުލުހެއްގެ އަތަށް ދިނުމުގެ ކުރިން ޓްރެއިނިންގް ތަކުގައި އަމިއްލަ ގަޔަށް އެބަޑި ބޭނުން ކުރެއެވެ. މިއީ އޭގެ ސަބަބުން މީހުންނަށް ކުރާ އަސަރާއި، ކޮންމެހެން ބޭނުން ކުރަން ޖެހޭ ދަނޑިވަޅުތަކުގައި ނޫނީ މި ހަތިޔާރު ބޭނުން ނުކުރުމަށް ފުލުހުން އަހުލުވެރި ކުރުމުގެ ގޮތުން ޓްރެއިނިންގް ގައި ހިމަނާ ބައެކެވެ.
ސޯޝަލް މީޑިއާގައި އެދުވަސްވަރު އެތައް ބަޔަކު ދިޔައީ ފުލުހުންގެ މި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫންކަމަށް ބުނެ ފާޑު ކިޔަމުންނެވެ. ބައެއް މީހުން ވަނީ ފުލުހުންގެ މި ނިންމުމަށް މަރުހަބާ ކިޔާފައެވެ.
އެއްބަޔަކަށް ޓޭޒާ ގަން ގެންގުޅުމެކޭ ބަޑި ގެންގުޅުމެކޭ ވީ އެއްފަދަ ކަމަކަށެވެ. ސަބަބަކީ ޓޭޒާ ގަންވެސް ބޭނުން ކުރެވޭ ހާލަތުގެ ގޮތުން މީހާގެ ފުރާނައަށް ނުރައްކާވުން އެކަށީގެންވާ ކަމަށް އެކި މީހުން ހިޔާޅު ފާޅުކޮށްފައި ވެއެވެ. ރާއްޖޭގައި "ޕޮލިސް ބްރޫޓެލިޓީ"ގެ އެތައް މައްސަލައެއް ދިމާވެ، މައްސަލަތައް ނުބެލޭއިރު، މިއީ ރާއްޖެއަށް ތައާރަފުކުރަން ރަނގަޅު ހަތިޔާރެއް ނޫން ކަމަށް ބުނަމުން ދިޔައެވެ.
ފުލުހުންގެ މަސައްކަތަށް މަރުހަބާ ކީ މީހުން ވަނީ ރާއްޖޭގައި އުޅޭ އެކި "ގޭންގު"ތައް ވަޅި ހިފައިގެން ހަނގުރާމަ ކުރާއިރު، ހަތިޔާރެއް ނެތް ފުލުހުން އާންމުންގެ ރައްކާތެރިކަން ކަށަވަރު ކުރާނެ ގޮތާއި މެދުވެސް ސުވާލު އުފައްދައިފައެވެ. ޓޭޒާ ގަން ފަދަ ހަތިޔާރެއް ފުލުހުންގެ އަތުގައި އޮތުމުން މިކަހަލަ ހާލަތްތަކުގައި ރައްޔިތުންގެ ރައްކާތެރިކަމަށް މަސައްކަތް ކުރުމަށް ފުލުހުންނަށް ފަސޭހަވެގެންދާނެ ކަމަށް ބުނެ ބައެއް މީހުން ވަނީ ފުލުހުންގެ ނިންމުން ދިފާއު ކޮށްފައެވެ.
މިއާއެކު ދެން އުފެދޭ ސުވާލަކީ މިއީ ކިހާ ރައްކާތެރި ހަތިޔާރެއް ކަމެވެ. ޓޭޒާ ގަން ފަދަ "ނަން-ލީތަލް" ހަތިޔާރަކީ ބަޑީގެ ބަދަލުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުލުހުން ބޭނުން ކުރާ ހަތިޔާރެކެވެ. ޓޭޒާ ގަންއަކީ ރައްކާތެރި ހަތިޔާރެއް ކަމަށް މި ހަތިޔާރު އުފެއްދި ރިކް ސްމިތު ބުނެފައި ވެއެވެ.
1999 ވަނަ އަހަރު ރިކް ތައާރަފުކުރި މި ހަތިޔާރަކީ ފުލުހުންނަން ހާއްސަކޮށްގެން އުފެއްދި ހަތިޔާރެކެވެ. މިއީ ފުލުހުންނަށާއި އާންމުންނަށް ނުރައްކާތެރިކަމާ ކުރިމަތިވާ ދަނޑިވަޅުތަކުގައި ފަސޭހަކަމާއެކު ކުށްކުރާ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް އުފެއްދި ހަތިޔާރެއް ކަމަށް ރިކް ބުނެފައިވާ ކަމަށް ރޮއިޓާސްގައި މީގެ ކުރިން ރިޕޯޓުކޮށްފައި ވެއެވެ. އަދި މީހެއްގެ ހަށިގަނޑަށް ޓީޒާ ގަން ބޭނުން ކުރުމުން ދިގު ދެމިގެންދާނެ ފަދަ ގެއްލުމެއް ނުލިބޭނެ ކަމަށް ރިކް ބުނެފައިވާ ކަމަށް ރޮއިޓާސްގެ އިންވެސްޓިގޭޓިވް ރިޕޯޓެއްގައި ބުނެފައި ވެއެވެ.
ނަމަވެސް ސައިންސްވެރިން ކުރި ބައެއް ތަހުލީލުތަކުން މިއީ މުޅިން ތެދު މައުލޫމާތެއް ނޫން ކަން ވަނީ ސާބިތުވެފައެވެ. އަދި ޓޭޒާ ގަން އަކީ މީހެއްގެ ގަޔަށް ބޭނުން ކުރަން އެންމެ "ސޭފް" ހަތިޔާރެއް ނޫން ކަމަށްް އިންޑިއާނާ ޔުނިވާސިޓީ އޮފް މެޑިސިންގެ ރިސާޗަކުން ހާމަވެފައި ވެއެވެ. އެގޮތުން ފާއިތުވި 15 އަހަރު ތެރޭ ޓޭޒާ ގަން އިން ޓޭޒް ކުރުމުގެ ސަބަބުން އެމެރިކާގައި 150 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.
ކައުންސިލް އޮފް ކެނޭޑިއަން އެކެޑެމީސް އެންޑް ދަ ކެނޭޑިއަން އެކެޑެމީ އޮފް ހެލްތު ސައިންސް އިން 2013 ގައި ޓޭޒާ ގަން އާއި ގުޅިގެން ކުރި ރިސާޗެއްގައި މި ހަތިޔާރަކީ "ރިސްކު" އެކުލެވޭ ހަތިޔާރެއް ކަމަށް ނުފެންނަ ކަމަށް ބުނެފައި ވެއެވެ. މި ރިސާޗުގައި ބުނާ ގޮތުންނަމަ، މީހަކު ޓޭޒް ކޮށްފި ނަމަ އޭނާއަށް ލިބޭ ޝޮކްގެ ސަބަބުން ހިތުގެ ވިންދު އަވަސްވުން ނޫން އެހެން ކަމެއް ނުވާނެއެވެ. ނަމަވެސް މަސްތުގެ ހާލަތުގައިވާ މީހެއް ނަމަ ނުވަތަ ހިތުގެ ބަލީގެ މީހެއް ނަމަ އެމީހަކަށް މި ހަތިޔާރު ބޭނުން ކޮށްފި ހާލަތެއްގައި ކުރިމަތިވާ ރިސްކު ބޮޑުވާނެ ކަމަށް މި ރިސާޗުގައި ވެއެވެ.
މިއާއެކު ޓޭޒާ ގަން އަކީ އެންމެނަށް ބޭނުން ކުރަން އެންމެ ރައްކާތެރި ހަތިޔާރަށް ނުވެދާނެއެވެ. ނަމަވެސް ވަޅިފަދަ ތޫނު ހަތިޔާރަކުން މީހަކު މަގުމަތީ ހަމަލާދޭ ފަދަ ވަގުތެއްގައި އާންމުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުންނަށް ބޭނުން ކުރެވޭނެ ހަތިޔާރެއް އޮތުމީވެސް މުހިއްމު ކަމެކެވެ.