އަލީ ޔާމިން
ފަތުރުވެރިކަން އަލުން ފެއްޓުމަށްޓަކައި އެކަމަށް ބޭނުންވާ ގައިޑްލައިން "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން"ގެ ފުރަތަމަ ދެލިކޮޕީ ފަތުރުވެރިކަމުގެ ސިނާއަތުގެ މަސްލަހަތުވެރިންނާ ހިއްސާކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއި ގުޅިގެން ފަތުރުވެރިކަން ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އަލުން ފެއްޓުމަށްޓަކައި އެކަމަށް ބޭނުންވާ ގައިޑްލައިން "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން"ގެ ފުރަތަމަ ދެލިކޮޕީ ފަތުރުވެރިކަމުގެ ސިނާއަތުގެ މަސްލަހަތުވެރިންނާ ހިއްސާކޮށްފައިވާ ކަމަށެވެ.
މި ދެލިކޮޕީއަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 25ގެ ނިޔަލަށް އެފަރާތްތަކަށް ހުޅުވާލައިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި ގައިޑްލައިން ފުރިހަމަކޮށް ސަރުކާރުގެ ފައިނަލް ޕޮލިސީ އާންމުކުރާނީ ފަތުރުވެރިކަމުގެ ސިނާއަތުގެ މަސްލަހަތުވެރިންގެ ހިޔާލާއި މަޝްވަރާއާ އެކުގައިކަމަށެވެ.
"މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން"ގެ ޑްރާފްޓްގައިވާ ގޮތުން އަންނަ މަހު ރިސޯޓުތައް ހުޅުވާލާނެއެވެ. ނަމަވެސް ގެސްޓު ހައުސްތައް ހުޅުވާލާނީ އޮގަސްޓު މަހުގެ ތެރޭގައެވެ.
މީގެ އިތުރުން އަންނަ މަހުގެ ތެރޭގައި ޕްރައިވެޓް ޖެޓްތަކަށާއި، ޗާޓަރު ފްލައިޓްތަކުގެ އިތުރުން ސުޕާ ޔޮޓްތަކަށް ރިސޯޓުތައް ހުޅުވާ އިރު، ކޮންމެ ޕްރައިވެޓް ޖެޓަކާއި ޗާޓަރު ފުލައިޓަކުން ލޭންޑުން ފީގެ ގޮތުގައި 50,000 ޑޮލަރު ނަގާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ސުޕާ ޔޮޓުތަކުން ރާއްޖެ އެތެރެވުމަށް 10,000 ޑޮލަރު ދައްކަން ޖެހޭނެ ކަމަށްވެސް ގައިޑްލައިންގައި ވެއެވެ.