ތުހުމަތެއްގައި މިމަހުގެ 20 ވަނަ ދުވަހު ހައްޔަރުކުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްގަފޫރުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ބަންދުން ދޫކޮށްލައިފިއެވެ.
ހަ ދުވަހު ބަންދުގައި ބެހެއްޓުމަށް މީގެ ކުރިން އަމުރުކުރި ނަމަވެސް، މިއަދު ކޯޓުން އޭނާ ދޫކޮށްލީ ބަންދުގައި ބެހެއްޓުމުގެ ބޭނުމެއް ނެތް ކަމަށް ފުލުހުން އެދުމުންނެވެ.
ސިރާޖު ހައްޔަރުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޖިނާއީ ކުށެއް ކުރި ކަމަށް ތުހުމަތުކުރެވޭ ގޮތަށް އަދީބާ ހަވާލާދީ ވާހަކަތަކެއް ފަތުރަމުންދާ ކަމުގެ ތުހުމަތުގައެވެ.
ސިރާޖު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވަނީ ރައީސް ޔާމީނާއި އެހެން ބަޔަކު ޖިނާއީ ކުށެއް ކުރިކަމަށް ބެލެވިދާނެ އަމަލުތަކެއް ކުރިކަމަށް އެފަރާތްތަކަށް ނިސްބަތްކޮށް، އަދީބާ ހަވާލާދީ ސިރާޖު ނޫސްބަޔާންތަކެއް ނެރެ، ސާބިތު ނުހިފޭ ދޮގު ހަބަރުތަކެއް ދައުލަތުގެ އާންމު އިދާރާތައް ހިމެނޭހެން އާންމުކޮށް ޝާއިއުކޮށް، ރިޕޯޓް ކުރަމުންދިއުމާއި ހަޑި ހުތުރު ބަހުން ލިޔުން ތައްޔާރުކޮށް ފަތުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
މިމަހުގެ 21 ވަނަ ދުވަހު ފުލުހުން ސިރާޖު ދިރިއުޅޭ އެޕާޓްމަންޓު ވެސް ބަލައި ފާސްކޮށްފައިވެއެވެ. އެ އެޕާޓްމަންޓް ބަލައި ފާސްކުރުމަށްފަހު ފުލުހުން ގެންގޮސްފައިވަނީ ހާޑް ޑްރައިވަކާއި ޕެން ޑްރައިވެއް އަދި ލިޔެކިޔުންތަކެކެވެ. އެ އެޕާޓްމަންޓް ފާސްކޮށްފައިވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހެކި ހޯދުމަށް ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ދާދި ފަހުން އަދީބު ނެރުނު ރިޕޯޓްތަކުގައި ރައީސް ޔާމީންގެ ކޮރަޕްޝަނާއި ސިހުރުވެރިކަމާ ގުޅޭ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ.