މަޖިލީހުގެ ރައީސް

އިންޖީނުގޭ ކުދިންނަށް މަޖިލިސް ރައީސަށް ސިޓީއެއް ނުފޮނުއްވޭނެ: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

އިންޖީުގެ (ސްޓެލްކޯ) ކުދިންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސިޓީ ނުފޮނުވޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް މިހެން ވިދާޅުވީ، ސްޓެލްކޯގެ ވެރިންގެ މުސާރައާބެހޭ މައުލުމާތު ހިމަނައިގެން ރައްޔިތުންގެ މަޖިލީހަށް ސްޓެލްކޯއިން ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާއްމުވި މައްސަލައިގައި އެކަން ސާފުކޮށްދިނުމަށް އެދި ސްޓެލްކޯއިން މަޖިލީހަށް ފޮނުވާފައިވާ ސިޓީއަކާ ގުޅިގެންނެވެ.

މަޖިލިސް ރައީސަށް އެޑްރެސްކޮށް ފޮނުވާފައިވާ އެ ސިޓީގައި ވަނީ މަޖިލީހުގެ އިދާރާގެ ބޭނުމަށް އެ ކުންފުނިން ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި ލީކުވުމުގެ ސަބަބުން، ކުންފުންޏާ މެދު ރައްޔިތުން ދެކޭ ގޮތް ބަދަލު ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ސިޓީ ބޭނުންކޮށްގެން ދައުލަތާއި ދައުލަތުގެ އިދާރާތަކާމެދު ނަފުރަތު އުފައްދަން ބަޔަކު މަސައްކަތް ކުރާތީ ސިޓީ ލީކުވި ގޮތެއް ހޯދައިދިނުމަށް އެދޭ ކަމަށެވެ.

މިކަމާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، އިންޖީނުގޭ ކޮންމެވެސް ކުއްޖަކު މަޖިލީހަށް މިސިޓީއެއް ފޮނުވާފައިވާ ކަމަށާއި އިންޖީނުގޭ ކުދިންނަށް އެނގެންވީ މައުލޫމާތަކީ، "ރާއްޖޭގެ ގާނޫނުތައް އޮފިޝަލް ކަންތައްތައް އެއީ، 2/68 އަޅުގަނޑު ވިހެއީ 67 ގައި އޭގެ އެއް އަހަރު ފަހުން އަޅުގަނޑުމެންގެ ތެރޭގައި ތައާރަފުކުރެވުނު ގާނޫނު، ސިޓީ ބިޓީ ލިޔުމާބެހޭގޮތުން އަދިވެސް އެބައޮތް،" ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ގަލޮޅު ކެނެރީގޭ މުހައްމަދު ނަޝީދަށް ކޮންމެ ބޭފުޅަކަށް ވެސް ސިޓީ ލިޔެވޭނެ ކަމަށާއި، އެ ބޭފުޅަކު ބޭނުންވާ އެއްޗެއްވެސް ވިދާޅުވެވޭނެ ކަމަށެވެ.

ނަަމަވެސް ރައްޔތުންގެ މަޖިލީހުގެ ރައީސަށް އިންޖީނުގޭ ކުދިންނަށް ސިޓީޫ ނުފޮނުވޭނެ ކަމަށާއި، މަޖިލީހުން ކުރާ ސުވާލަށް ދެވޭނީ ޖަވާބު ކަމަށެވެ.

"އިންޖީނުގޭ ކުދިންނަށް އެނގެން ޖެހޭ، މިތަނަށް އެބޭފުޅުންނަށް ސިޓީ ނުލިޔުއްވޭނެކަން، މިތަނުން އަހާ އެއްޗެއްގެ ޖަވާބު އެބޭފުޅުންނަށް ދެއްވޭނީ، ގަލޮޅު ކެނެރީގޭ މުހައްމަދު ނަޝީދަށް ކޮންމެ ބޭފުޅަކަށް ސިޓީވެސް ލިޔެވޭނެ ތިބޭފުުން ބޭނުންވާ އެއްޗެއް ވިދާޅުވެވޭނެ، އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އިންޖީނުގޭ ކުދިންނަށް ސިޓީއެއް ނުފޮނުވޭނެ، އެ ޖާގަވެސް ގާނޫނަކުން ނުދޭ، އެެހެން ވީމާ އިންޖީނުގޭ އެހެން ކުދިންވެސް އަދި ޖައްރާފުގެ ކުއްޖެއްވިޔަސް އަދި އެހެންތަނެއްގައި މަސައްކަތްކުރި ކުއްޖަކަށްވިޔަސް ހުރިހާ ކުދިންނަށް ރީތިކޮށް އެނގެން ޖެހޭނެ މިތަނަށް ސިޓީ ފޮނުއްވަން ވާނީ ވަޒީރުންކަން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.