ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ ސަލާމަތަށް ކުރާހަރަދަކީ ވައްކަންކަަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވާތީ ކުށްވެރިކުރަން: ޝަރީފް

އިބްރާހިމް ޒަކީ

ކޮވިޑް 19 ގެ މިހާލަތުގައި، ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ ސަލާމަތާއި، އެމީހުންގެ ދިރިއުޅުން ދެމެހެއްޓުމަށް ސަރުކާރުން ހަރަދު ކުރުމަކީ، ވައްކަން ކަމަށް ދޭހަވާ ގޮތަށް އެމްޑީޕީގެ ބައެއް މެންބަރުން ވާހަކަ ދައްކަވާ ކަމަށާއި، އެފަދަ މެންބަރުން ދައްކަވާ ވާހަކަ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަކީ މުހިއްމު ކެމެއް ނޫންކަމަށް ދޭހަވާ ގޮތަށް، ބައެއް މެންބަރުން މަޖިލީހުގައި ވާކާލާތުކުރެއްވުމަކީ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"މިގައުމުގައި ނޯންނާނެ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްވުރެ މުހިއްމު ކަމެއް، އޭގެ ފަހުގައި އިގްތިސާދާއި އެހެން ކަންތައްތައް އޮންނާނީ، ރައްޔިތުން ނެތް ތަނެއްގައި އިގްތިސާދެއް ނޯންނާނެ،" ޝަރީފް ވިދާޅުވިއެވެ.

ސަރުކާރުން އިހުމާލު ވާކަމަށް ބައެއް މެންބަރުން ވާހަކަ ދައްކަވާއިރު، ޑަބްލިއުއެޗްއޯއިން ހާމަކުރި މައުލޫމާތުތަކުގައި ކޮވިޑް ގެ ކަންތައްތަކަށް ފިޔަވަޅު އެޅި ގައުމުތަކުގެ ތެރެއިން އޭޝިއާއިން އެއްވަނާގައި އުޅޭނީ ރާއްޖެ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ރާއްޖެތެރެއަށް މިބަލި ނުފެތުރިގެން ކަންބޮވާ ގޮތަށް ބައެއް މެންބަރުން ވާހަކަ ދައްކަވާތީ ހިތާމަކުރައްވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ، ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ، ސަމާސާއަކަށް ކޮށްގެން އުޅޭ ކަމެއްހެން، އެކަމަކީ ރައްޔިތުންނަށް ޖެއްސުމަށް ކޮށްގެން އުޅޭ ކަމެއްކަމަށް ބައެއް މެންބަރުން ވާހަކަ ދައްކަވާއިރު، އެއީ ރައްޔިތުންގެ ހައްގުތަކާއި ފުރާނަ ސަލާމަތްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގައި ސިއްހީ މީހުން ނެތުމާއި، ފަރުވާގެ ނިޒާމެއް ނެތި އެކަށީގެންވާ ވަރަށް ޓެސްޓް ކުރެވޭނެ ނިޒާމެއްވެސް ނެތި އައްޑޫ ކަހަަލަ އަތޮޅަކަށް މިބަލި ފެތުރިއްޖެ ނަމަ ހާލަތަކީ ކޮބައިތޯ، ޝަރީފް ސުވާލު ކުރެއްވިއެވެ.