ކޮވިޑް 19 ގެ މި ދަނޑިވަޅުގައި މަސައްކަތް ކުރުމާއި، ޓާގެޓެޑް އޮޕަރޭޝަންތަކެއް ހިންގުމާއި، މެރިޓައިމް ޕެޓްރޯލްތަކެއް ހިންގުމާއި، އެކްޓިވްކޮށް ހަރަކާތްތެރިވާ ހަރުކަށި ފަރާތްތައް ހޯދައި އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުމަށް ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުން އެގޮތަށް ފާސްކޮށްފައިވަނީ، ކޮވިޑް 19 އާ ގުޅިގެން ގައުމީ ސަލާމަތަށް އިތުރު ނުރައްކަލެއް އޮތްތޯ ބެލުމަށާއި ޓޫރިޒަމް ސިނާއަތަށް ކޮށްފާނެ އަސަރު ދެނެގަތުމަށް، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓްގައި ހިމަނައިގެންނެވެ.
އެރިޕޯޓް ފާސްކޮށްފައިވަނީ ނުވަ ކަމެއް ހިމަނައިގެންނެވެ.
އެގޮތުން މުޖުތަމައުގައި އެ ބަލި ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ގެދޮރު ނެތް ފަރާތްތަކާއި، މަގުމަތިވެފައިވާ ފަރަތްތަކާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި، އެކަށީގެން ނުވާ ކުދި ޖާގައިގައި ދިރިއުޅެން ޖެހުމުގެ ސަބަބުން އަސާސީ ކަންކަން ހަމަޖެހިފައި، ނެތް ފަރާތްތަކަށް ވަންނާނެ ވަގުތީ ހިޔާތައް ހަދައި ދިނުމާއި، ރޯގާއާ ގުޅޭ މަސައްކަތަށް ހާއްސަކޮށްފައިވާ ސަލާމަތީ ބާރުތަކަށް ބޭނުންވާ "ޕްރޮޓެކްޓިވް އިކުއިޕްމަންޓް" އާއި އާލާތްތައް ފުރިހަމަވެފައި ހުރިތޯ ކަށަވަރުކުރުމާއި، އެފަދަ އާލާތްތައް އެކަށީގެންވާ މިންވަރަށް ހޯދުމަށްވެސް ހިމަނާފައި ވެއެވެ.
މިދަނޑިވަޅުގައިވެސް، ހިޔާނާތުގެ މައްސަލަތައް ބަލާ ކޮމިޝަނުން ދައުލަތުން ވައްކަން ކޮށްފައިވާ މައްސަލަތަކާއި އެމްއެމްޕީއާރުސީ ފަދަ ހިޔާނާތްތެރިވެފައިވާ ބޮޑެތި މައްސަލަތައް އަވަހަށް ބަލައި، އެފައިސާ ދައުލަތަށް އަވަހަށް ހޯދުމާއި، މަރު ކޮމިޝަނުުގެ މަަސައްކަތްތައް ކުރިއަށް ގެންދިއުމުގެ އިތުރުން، ޕޮލިސް ކަސްޓަޑީގައާއި ޖަލުތަކުގައި އެއްވެސް ފަރާތަކުން ރާވައިގެން، ހަމަޖެހުން ނަގައިލަން ފުރުސަތު ނުދެވޭނެ ފަދަ ހަރުދަނާ ފިޔަވަޅުތަކެއް ގާއިމުކުރުމާއި، ކުރިއަށްވުރެން ބޮޑަށް މިދަނޑިވަޅުގައި އެތަންތަން ހާއްސަ އިންތިޒާމްތަކެއްގެ ތެރެއިން ބަލަހައްޓަމުން ގެންދިއުމަށްވެސް ހުށަހަޅާފައި ވެއެވެ.
ކޮވިޑް 19ގެ ޕެންޑެމިކްއާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަމުންދާ ބަދަލުތަކަށް ބަލައި، ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް ބާރޯސާވާ މިންވަރު ކުޑަކުރުމަށް އިތުރު ސިނާއަތްތައް ކުރިއެރުވުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ކޮމިޓީއަށް ގަބޫލުކުރެވޭތީ ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅާއިރު ޓޫރިޒަމް ނޫން އާމްދަނީ ލިބޭ އެހެން ސިނާއަތްތައް ކުރިއަރުވަން ކަމާބެހޭ ފަރާތްތަކުން ކުރަން ޖެހޭ ކަންކަން އަވަހަށް ކުރުމަށްވެސް ހުށަހަޅާފައި ވެއެވެ.