ރައްޔިތުންގެ މަޖިލިސް

މިނިސްޓްރީތަކުންދޭ ހިދުމަތްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ނިޒާމެއް ގާއިމްކުރަން ހުށަހަޅަން ފާސްކޮށްފި

އިބްރާހިމް ޒަކީ

މިނިސްޓްރީތަކުން ދެމުން އަންނަ ހިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ޝަކުވާ ހުށަހެޅުމުގެ ނިޒާމެއް ގާއިމްކުރަން ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއިން އެގޮތަށް ފާސްކުރީ، ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ރިޕޯޓްގައި ހިމަނައިގެންނެވެ.

އެ ކޮމިޓީގެ ދާއިރާއިން ކަމާގުޅޭ ކަންކަން ދިރާސާކޮށް، ހަތް ކަމެއް ކުރުމަށް ރިޕޯޓްގައި ހިމަނައިގެން ސަރުކާރަށް ހުށަހަޅަން ވަނީ ފާސްކޮށްފައެވެ.

އެގޮތުން " ކޮމިއުނިކޭޝަން ސްޓްރެޓެޖީ ޕްލޭން"އެއް އެކުލަވާލައި، އެ ޕްލޭނާ އެއްގޮތަށް މިނިސްޓްރީތަކުން ފޯރުކޮށްދޭ ހިދުމަތްތައް ރައްޔިތުންނާ ހިއްސާ ކުރެވޭނެ ގޮތްތަކެއް އެކަށަ އަޅައި، އެ މައުލޫމާތު މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، މިނިސްޓްރީތަކުން ދެމުން އަންނަ ހިދުމަތްތަކާއި ހުއްޓިފައިވާ ހިދުމަތްތަކާބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް، ކޮންމެ މިނިސްޓްރީއަކުން ފޯކަލް ޕޮއިންޓެއް ހަމަޖައްސައި އެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށްވެސް ހިމަނާފައި ވެއެވެ.

މީގެ އިތުރުން އެސްއޯޕީތަކުގައި ބަޔާންކޮށްފައިވާ ގޮތަށް މިނިސްޓްރީތަކުން އަމަލުކުރަމުންދޭތޯ ކަށަވަރުކުރުމުގެ ގޮތުން މިނިސްޓްރީތަކާ ބައްދަލުކޮށް މިނިސްޓްރީތައް ޖަވާބުދާރީ ކުރުވުމަށާއި ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ހިދުމަތްތައް މެދުނުކެނޑި ދިނުމަށް ބޭނުންވާ އެންމެ މަދު މުވައްޒަފުން މަސައްކަތަށް ނެރެގެން ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުމުުގެ އިތުރުން ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް އިސްކަންދީ، ހަރަދު ކުޑަކުރެވޭނެ ދާއިރާތައް ފާހަގަކޮށް، އެއާ އެއްގޮތަށް މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބަޖެޓް އަލުން އެކުލަވައިލުމަށްވެސް ހުށަހަޅާފައި ވެއެވެ.