މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)

މިއަހަރު ތެރޭގައި ފަތުރުވެރިކަމުން އާމްދަނީއެއް ލިބޭނެކަމަކަށް ނުބެލެބޭ: މަޓީ

ކޮވިޑް 19 ގެ މިހާލަތާ ގުޅިގެން މިއަހަރުގެ ތެރޭގައި ފަތުރުވެރިކަމުން އެއްވެސް އާމްދަނީއެއް ލިބޭނެ ކަމުގެ އުންމީދެއް ނެތް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓުއަރިޒަމް އިންޓަސްޓްރީ (މަޓީ) އިން ބުނެފިއެވެ.

މަޓީން މިހެން ބުނެފައި ވަނީ، ކޮވިޑް 19 އާ ގުޅިގެން ގައުމީ ސަލާމަތަށް އިތުރު ނުރައްކަލެއް އޮތްތޯ ބެލުމަށާއި ޓޫރިޒަމް ސިނާއަތަށް ކޮށްފާނެ އަސަރު ދެނެގަތުމަށް ރައްޔިންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ދީފައިވާ މައުލޫމާތުގައެވެ.

މަޓީން ބުނެފައިވަނީ، ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަންނަން ބޮޑެތި ގޮންޖެހުންތައް ހުރިކަމަށާއި މި ބަލިމަޑުކަމުގައި ހާލަތު މިގޮތަށް އޮއްވައި ޓްރެވަލް ކޮންފިޑެންސް ލިބި އާންމު ހާލަތަށް އައުމަކީ ނާދިރު ކަމެއް ކަމަށެވެ.

"އެހެންކަމުން މި އަހަރުގެ ބާކީ އޮތް ދުވަސްތަކަށް ފަތުރުވެރިކަމުގެ ސިނާއަތުން އާމްދަނީއެއް ލިބޭނެކަމަށް އުއްމީދު ނުކުރެވޭ ކަމަށާއި ކަން މިހެން އޮތްއިރު، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފިއުޗާ ރެވެނިއު ފޯކާސްޓް މި ދަނޑިވަޅުގައި ހެދިދާނެކަމަށް ނުބެލެވޭ ކަމަށް (މަޓީ) އިން މައުލޫމާތު ދީފައިވެ އެވެ" ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.