ކޮވިޑާ ގުޅިގެން ރާއްޖެއަށް މެޑިކަލް ސަޕްލައި ގަތުމުގައި އެސްޓީއޯ މެދުވެރިކޮށް ހަރަދުކުރި ގޮތުގެ ހާއްސަ އޮޑިޓެއް ކުރަން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.
އެ ކޮމިޓީއަށް މިކަމާބެހޭ ހުށަހެޅުން ހުށަހަޅުއްވަމުން ދާންދޫ ދާއިރާގެ މަޖިލިސް މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ، ކޮވިޑާ ގުޅޭ އެކި ކަންތައްތައްތަކަށް ފިނޭންސް މިނިސްޓްރީން ކުރި ހަރަދުގެ 72 ޕަސެންޓް ހޭދަ ކޮށްފައިވަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
އެހެންވެ، އެ ކަން ކޮށްފައިވަނީ ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރޭންތޯ ބަލަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
ޔައުގޫބު ހުށަހަޅުއްވާފައިވަނީ، އެކަމާބެހޭ ހަރަދުތަކުގެ ހާއްސަ އޮޑިޓެއް ކޮށް، 45 ދުވަހުގެ ތެރޭގައި އެ މަސަައްކަތް ނިންމައި ކަމާބެހޭ ރިޕޯޓް ކޮމިޓީއަށް ފޮނުވަން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތަށް ސިޓީއަކުން ދެންނެވުމަށެވެ.
ކޮމިޓީން މިގޮތަށް ފާސްކޮށްފައިވާއިރު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދާދި ފަހުން ވިދާޅުވެފައި ވަނީ ކޮވިޑް 19އަށް 814 މިލިއަން ރުފިޔާ މިހާތަނަށް ހަރަދު ކުރެވުނު އިރު، އޭގެ ތެރެއިން ބޮޑު ބައެއް ހޭދަކޮށްފައިވަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށެވެ.