ގައުމީ ޔުނިވަސިޓީ

މިމަހު 31 ގައި އެމްއެންޔޫ ކިޔެވުން ފެށޭނެ ކަމަށް ބުނެފި

އިބްރާހިމް ޒަކީ

މިމަހު 31 ގައި ގައުމީ ޔުނިވަސިޓީގެ ކިޔެވުން ފެށޭނެ ކަމަށް އެ ޔުނިވާސިޓީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި ޔުނިވަސިޓީގެ ކިޔެވުމާބެހޭގޮތުން ވާހަކަ ދައްކަވަމުން، އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ، އެ ޔުނިވާސިޓީއަކީ އިންޓަނެޓް މެދުވެރި ކޮށް ކިޔަވައިދިނުމަށް އާ ޔުނިވާސިޓީއެއް ނޫން ކަމަށާއި، އެކަމަކީ މީގެ 22 އަހަރު ކުރިން ފެށިގެން އެތަނުން ކުރަމުން އަންނަ ކަމެއް ކަމަށެވެ.

ޑރ. ޝަރީފް ވިދާޅުވީ، 31 ގައި ފަށާނީ އޮންލައިންކޮށް ގެންދެވެން ހުރި މާއްދާތައް ކަމަށެވެ. ނަމަވެސް ޔުނިވަސިޓީގެ ގިނަ މާއްދާތަަކީ ޕްރެކްޓިކަލްކޮށް ފޭސްޓުފޭސްކޮށް ކުރިއަށް ގެންދާ މާއްދާތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

ޑރ. ޝަރީފް ވިދާޅުވީ، ކޮވިޑް 19 ގެ ސަބަބުން ޔުނިވަސިޓީގެ ކިޔެވުން މެދުކަނޑާލަން ޖެހުމާ ގުޅިގެން އެ ޔުނިވާސިޓީގެ އެކަޑެމިކް ކަލަންޑަރުން ހަތް ހަފްތާ ގެއްލިގެން ގޮސްފައިވާ ކަމަށެވެ.

ނަމަވެސް ކިޔެވުން ބަންދު ވުމާއެކު އެކަޑަމިކް ކަލަންޑަރަށް ގެނައި ބަދަލާއެކު އެ ހަތް ހަފްތާގެ ކިޔެވުން ހަފްތާއަކަށް ކުޑަކުރެވިފައިވާ ކަމަށާއި، ދެން ކިޔެވުން ފަށައިގެން ބާރަށް ކުރިއަށް ގެންދެވިއްޖެނަމަ ގެއްލުނު ބައި ކަވަރު ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުމުގައި އެ ޔުނިވަސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ވިދާޅުވީ ކޮވިޑް 19 ގެ މިހާލަތު އަވަހަށް ނިމިގޮސް ޖޫން އެކަކުން ފެށިގެން ޔުނިވާސިޓީގެ ކިޔެވުން މުޅިން އިއާދަވެގެންދާނެ ކަމަށެވެ.