އިބްރާހިމް ޒަކީ
ކައުންސެލަރުންގެ ދައުރު އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ބިލް ކުރިޔަށް ގެންދާނެ އަމާޒެއް އޮޅުން ފިލުވުމަަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުންނާއި ކޮމެޓީތަކުގެ މުގައްރިރުން ހިމެނޭ ގޮތަށް މަޝްވަރާ ކުރުމަށް އެ ބިލް ދިރާސާކުރާ، މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ފާސް ކޮށްފިއެވެ.
ރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި އެގޮތަށް ފާސްކުރީ، މި ބިލުގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދާއިރު، ކައުންސެލަރުންގެ ދައުރު ދިގު ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށްއެޖެންޑާ ކޮށް ފުރަތަަމަ ކިޔުން އިއްވާފައިވާތީ، އެ ދެބިލް މަޖިލީހަށް އައިސްފިނަމަ ދެބިލް ފުށުއަރާ ގޮތަށް މަަސައްކަތް ކުރަން ޖެހިދާނެތީއެވެ.
އެ ސަބަބަށް ޓަކައި މަޖިލީހުގެ ތެރެއިން ހަމަޖެހިފައިވާ އިންތިޒާމުތަކުގެ ތެރެއިން އެ ފަރާތްތަކާ މަޝްވަރާ ކުރުމަށް ރޭގެ ބައްދަލުވުމަށް ހުށަހެޅުއްވީ، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދެވެ. ވަހީދުގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އެވެ.
ރޭގެ ބައްދަލުވުމުގައިވެސް ބޮޑެތި ހިޔާލު ތަފާތުތަކެއް މެންބަރުންގެ މެދުގައި ކުރިއަށް ދިޔައެވެ. ރޭގެ ބައްދަލުވުމަށް ހިސާން ވަނީ އެބިލަށް އާ ޑްރާފްޓެއް ވެސް ހުށަހަޅުއްވައިފައެވެ. އެއީ ކުރިން މި ބިލުގައި ހިމެނުނު، ކައުންސިލަރުންގެ ދައުރު ދިގުކުރުމުގެ ބައި އުނިކުރުމަށްފަހު ގާނޫނުން ކައުންސިލަރުންނަށް ލިބިދޭ ބާރުތައް އުނި ކުރުމަށްފަހު ސަރުކާރަށް އެއްބާރުލުން ނުދޭ ކައުންސެލަރުންނާއި، ގާނޫނާ ހިލާފު ކަންތައްތައް ކުރާ ކައުންސެލަރުންނަށް ފިޔަވަޅު އެޅުމަށެވެ.
ހިސާން ވިދާޅުވީ، އެ ޑްރާފްޓަކީ، ބިލާބެހޭގޮތުން ކޮމެޓީން ހޯދި އޭޖީގެ ލަފަޔާއި ކައުންސެލް ޖެނެރަލްގެ ލަފަޔަށް ބައްލަވައި، ހަސަން ލަތީފް ކޮމިޓީއަށް ހުށަހެޅުއްވި ކަންތައްތައް ހިމަނުއްވައިގެން އެކުލަވައިލެއްވި ޑްރާފްޓެއް ކަަމަށެެވެ.
އޭޖީ އާއި ކައުންސެލް ޖެެނެރަލް ލަފާދެއްވާފައިވަނީ ސަރުކާރުން ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހު ނުގެނެސް، ހުށަހަޅާ އާއްމު ގާނޫނަކުން ކައުންސެލަރުންގެ ދައުރު އިތުރު ނުކުރެވޭނެ ކަމަށެވެ.
ހިސާން ވިދާޅުވީ ޑްރާފްޓްގައި ކައުންސެލަރުންގެ ދައުރު ނުހިމެނީ ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅާފައިވާ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވާތީ އެ ބިލުން ކައުންސެލަރުންގެ ދައުރު އިތުރު ކުރެވޭނެތީ ކަމަށެެވެ.
ހިސާން ވަނީ ކުރިޔަށް އީދު ބަންދު އޮތްއިރު މަސައްކަތް ކުރާނެ ގިނަ ދުވަސްތަކެއް ނެތްކަމަށް ވިދާޅުވެ، އަންނަ މަހުގެ 3 އަށް ކައުންސިލަރުންގެ ދައުރު ހަމަވާއިރު ގަނޫނުން އެކަމަށް ހައްލެއް ނުގެނެވިއްޖެނަމަ ގާނޫނީ ހުސްކަމަކަށް ހިނގައިދާނެ ކަމަށް މެންބަރުންގެ ސަމާލުކަމަށް ގެންނަވައިފައެވެ.