ޝަހީދާ އަބްދުﷲ ސައީދު
ގާނޫނީ ވަކީލެއްގެ ގޮތުގައި ފުލުސް އޮފީހަށް ގެންދިޔަ ވަކީލު ބަލައި ގަނެވެން ނެތް ކަމަށް ބުނެ މާދަމާ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ފޮނުވާލައިފިއެވެ.
ޕީޕީއެމްގެ އިސް އޮފިޝަލަކު ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ހަވީރު 4:00 ގައި މޫސާ ޒަމީރު ފުލުހުންގެ މައި އިދާރާއަށް ހާޒިރުކުރީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ކަމަށާއި، އެމައްސަލައިގެ ބަޔާން ނުނަގައި އަނބުރާ ފޮނުވާލީ މާދަމާ ހަވީރު 5:00 އަށް ހާޒިރުވުމަށް އަންގާފައި ކަމަށެވެ.
އަދި މާދަމާ ވަޑައިގަތުމަށް އެންގީ ޒަމީރުގެ ދިފާއީ ވަކީލެއްގެ ގޮތުގައި ވަޑައިގެން ގާނޫނީ ވަކީލު އާދަމް މުހައްމަދަކީ އެމްއެމްޕީއާރުސީގެ މައްސަލަ ދައުލަތުން ބަލަމުން ދިޔައިރު، އޭނާއަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރެއްވި މުވައްޒަފަކަށް ވުމުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެހެންކަމުން ދިފާއީ ވަކީލެއްގެ ހައިސިއްޔަތުން އާދަމް މުހައްމަދު ބަލައި ނުގަތުމަށް ފުލުހުން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާދަމާ ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަންނަވާނީ އެހެން ވަކީލަކާއެކު ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި އަދި އެނޫންވެސް ހިޔާނާތުގެ މައްސަލަތައް ބެލުމަށް ސަރުކާރުން މިހާރުވަނީ ޚާއްސަ ކޮމިޝަނެއް އުފައްދަފާވައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ހިންގާފައި ވަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނަވަނިކޮށެވެ. އަދި އެމައްސަލައި ހިނގާދިޔަ އިރު ޒަމީރު ހުންނެވީ ސަރުކާރުގެ މަގާމެއްގައެއް ނޫނެވެ. ޒަމީރު ޓޫރިޒަމް މިނިސްޓަރު ކަމާއި ހަވާލުވެ ވަޑައިގަތީ އަހުމަދު އަދީބު ނާއިބު ރައީސް ކަމުގެ މަގާމަށް އައްޔަން ކުރެއްވުމުންނެވެ.