ކޮވިޑް 19 އަށް ފަހު ފުޓުބޯޅަ ފަށާއިރު މިހާރު މި އޮތީ ފުޓުބޯޅަ އާއިލާ އެއްކޮށް ފެއާ ޕްލޭ އަކަށް ދާން ޖެހިފައި ކަމަށް ގައުމީ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗް އަލީ ސުޒޭން ބުނެފިއެވެ.
ރޭ އެފްއޭއެމުން ބޭއްވި ވީޑިއޯ ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން ސުޒެއިން ބުނީ މިވަގުތާއި ހާލަތުގެ ގޮތުން ފުޓުބޯޅަ އެސޯސިއޭޝަނަށް ފެއާ ޕްލޭގެ ތެރެއިން އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ. އެގޮތުން ކޮވިޑް 19 ގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަނެ ކުޅުންތެރިންނާއި ކޯޗުންނަށް ހުރި މަގުތައް ކޮށައިދިނުމަށް އެފްއޭއެމާ އެކު ފުޓުބޯޅަ އާއިލާ އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު މިބުނީ ހުރި ހިތްހަމަނުޖެހުމާއި އުދާސްތައް ދޫކޮށްލާފައި އަންނާށެކޭއެއް ނޫން. އެއާވެސް އެއްކޮށް އަދިވެސް ޑިވެލޮޕްމަންޓަށް އެންމެން އެއްކޮށް މަސައްކަތް ކުރަން އަންނާށޭ. ފެއާޕްލޭއަށް ބޯޅަ ބޭރަށް ޖަހަންވީ ވަގުތޭ. މިއޮތީ ފުޓުބޯޅަ އިންޖަރީވެފަ" ސުޒެއިން ބުންޏެވެ.
ސުޒެއިން ބުނީ މިއީ އެއްވެސް ބަޔަކު އަނެއް ބަޔަކާއި ވާދަވެރި ވާންވީ ވަގުތު ނޫން ކަމަށާއި އެކުވެރިކަމާއި އެއްކޮށް ފުޓުބޯޅަ ކުރިއަށް ގެންދަން މަސައްކަތް ކުރަން ވީ ވަގުތު ކަމަށެވެ.
މީގެ އިތުރުން ސުޒެއިން ބުނީ އަންނަ ސީޒަން ފަށާއިރު ކްލަބްތަކަށް ދިމާވާ މާލީ ދަތިތަކުން ޓީމުތައް އަރައިގަތުމަށް ފުޓުބޯޅައަށް ލޯބިކުރާ ވިޔަފާރިވެރިންގެ އެހީ ޓީމްތަކަށާއި އެފްއޭއެމް އަށް ބޭނުންވާނެ ކަމަށެވެ.