އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކެތްތެރިކަން ކޮޅުންލަމުންދާތަން ފެނިވަޑައިވަޑައިގަންނަވާ ކަމަށާއި، އެމަނިކުފާނުގެ ކެތްތެރިކަންވެސް ހިފެހެއްޓޭނީ ވަކި ވަރަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކިއެކި ބޭނުންތަކުގައި މާލެ އައިސްތިބި މީހުންނަށް، ކޮވިޑް 19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވުމުގެ ސަބަބުން ރަށްރަށަށް ނުދެވި މާލޭގައި ތިބެން ޖެހިފައިވާ މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، އެކަމުގައި މެންބަރުންގެ ކެތްތެރިކަން ކޮޅުންލަމުންދާތަން ފެނިވަޑައިގަންނަވާ ކަމަށެވެ.
ރަށަށް ނުދެވޭ ވަރަށް ގިނަ މީހުން ވަރަށް ހާލުގައި މާލޭގައި އުޅޭ ވާހަކަ ވަރަށްގިނަ ފަރާތްތަކުގައި ދެއްކެވިއްޖެ ކަމަށާއި، އެކަމަށް ހައްލު ހޯދުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ނުފެންނަންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، އެފަދަ ކަންކަމަށް ހައްލު ގެނައުމުގެ ބާރު މެންބަރުންގެ ހުންނާނެ ކަމަށެވެ. އެގޮތުން މެންބަރުން ބޭނުންފުޅުވާނަމަ އެކަންކަމާބެހޭ މުއައްސަސާތަކުގައި ތިބޭ މީހުން ބަދަލު ކުރެވޭނެ ކަމަށާއި، އެފަރާތްތަކުުގެ އިތުބާރު ނެތްކަމަށް ނަންގަވައި ހެއްދެވޭނެ ކަމަށެވެ.
ނަމަަވެސް އަމާޒަކީ އެއީ ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެެވެ.
ކޮވިޑުގެ ހާލަތު ފެށުނީއްސުރެވެސް މަޖިލިސް ރައީސް ގެންދަވަނީ ލޮކްޑައުންގެ ސިޔާސަތަށް ފާޑުވިދާޅުވަމުންނެވެ. އަދި އެމަނިކުފާނު އެންމެ ފުރަތަމަވެސް ވިދާޅުވީ ރާއްޖެ އޮންނަން ވާނީ ހުޅުވާލާފައި ކަމަށާއި ދިވެހީން އުޅެން ދަސްކުރާންވީ ކޮވިޑާއި އެކު ކަމަށެވެ. އަދި އެ ރަށެއްގައި ބަލި ޖެހޭ މީހުންނަށް ފަރުވާ ދޭން ވާނީ އެރަށެއްގައި ހުންނަ ސިއްހީ މަރުކަޒެއްގައި ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.