އިބްރާހިމް ޒަކީ
ނުރައްކާތެރިކަމާއެކު ރާއްޖޭގައި ފެތުރެމުންދާ ކޮމިޑް 19 އަކީ މަރުބައްޔެއްކަމަށް ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލު ނުކުރާ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮވިޑް ޖެހިފައިވާ މީހުންގެ ހާލަތާ ބެހޭގޮތުން ބައެއް މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވީ، ކޮވިޑް 19 ގެ ވާހަކަ ރާއްޖޭގައި ފަށައިގަތުމާއެެކު ބިރުވެރި ފިލްމެއްގެ ގޮތުގައި އެބަލީގެ ވައިރަސް ޓީވީ ޗެނަލްތަކުން ދައްކަން ފެށީ ކަމަށެވެ.
މިހާރު އެބަލި މީހުންނަށް ޖެހެމުންދާއިރު، އެ ބައްޔަކީ ނުރައްކާތެރި ބައްޔެއް ކަމަށް ގިނަ ރައްޔިތުން ނުދެކޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއީ މަރުބައްޔެއް ކަމަށް ގިނަ ރައްޔިތުން ނުދެކޭ ކަމަށާއި، މަރުބަލީގެ ގޮތުގައި ފާހަގަކުރެވޭ ބަލިތަކެއް ހުންނަ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެެވެ.
"މި ބަލީގެނުރައްކާތެރިކަމެއް އަޅުގަނޑުމެންނަކަށެއް ގަބޫލެއް ނުކުރެވުނު އަޅުގަނޑު މިދަންނަވަނީ، ރާޖޭގެ ވަަރަށްގިނަ ރައްޔިތުންނަކަށް އެކަމެއް އެއީ މިބައްޔަކީ އެފާހަގަ ކުރެވުނު ބާވަތުގެ މަރުބައްޔެއް ނޫންކަން މަރުބަލީގެ ގޮތުގައި އަޅުގަނޑުމެނަށް ފާހަގަކުރެވޭ ބަލިތައް އެބަހުރޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކޮވިޑް 19 ނުރައްކާތެރި ވަނީ އެ ބަލީގައި ހާލު ދެރަވާ މީހުންނަށް ކަމަށެވެ. އެއީ ވަރަށް މަދު ބައެއް ކަމަށްވެސް ވިދާޅުވިއެވެ.
ކޮވިޑުގެ ހާލަތު ފެށުނީއްސުރެވެސް މަޖިލިސް ރައީސް ގެންދަވަނީ ލޮކްޑައުންގެ ސިޔާސަތަށް ފާޑުވިދާޅުވަމުންނެވެ. އަދި އެމަނިކުފާނު އެންމެ ފުރަތަމަވެސް ވިދާޅުވީ ރާއްޖެ އޮންނަން ވާނީ ހުޅުވާލާފައި ކަމަށާއި ދިވެހީން އުޅެން ދަސްކުރާންވީ ކޮވިޑާއި އެކު ކަމަށެވެ. އަދި އެ ރަށެއްގައި ބަލި ޖެހޭ މީހުންނަށް ފަރުވާ ދޭން ވާނީ އެރަށެއްގައި ހުންނަ ސިއްހީ މަރުކަޒެއްގައި ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.