ކޮވިޑް 19 އާ ގުޅިގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ކުރަމުން އަންނަ މަސައްކަތްތަކުގައި އެހީތެރިވުމަށް އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން އެސްޓީއޯއަށް 15 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖައްސައިދީފިއެވެ.
އެސްޓީއޯ އިން މައުލޫމަތު ދިން ގޮތުގައި އެސްޓީއޯއަށް މި ލޯނު ހަމަޖައްސައިދީފައިވަނީ އައިޓީއެފްސީގެ އިމަޖެންސީ ފައިނޭންސިންގެ ދަށުންނެވެ. އަދި މި ލޯނަކީ ކޮވިޑް 19 އާ ގުޅިގެން ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ދުވަސްވަރުގައި ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ހޯދުމަށްޓަކައި އައިޓީއެފްސީން އެސްޓީއޯއަށް ދީފައިވާ ލޯނެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ.
އެގޮތުން ކޮވިޑް 19 އާ ދެކޮޅަށް ކުރާ މަސައްކަތުގެ ފްރަންޓްލައިނުގައި މަސައްކަތް ކުރާ މީހުން ބޭނުންކުރާ ޕީޕީއީ ހޯދުމަށް މާލީ އެހީތެރިކަން (ގްރާންޓް) ވެސް އައިޓީއެފްސީން ފޯރުކޮށްދޭނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. އަދި މި ދަނޑިވަޅުގައި ކޮވިޑް 19 އާ ދެކޮޅަށް ބޭނުން ކުރާ އިމަޖެންސީ މެޑިކަލް އިކުއިޕްމަންޓު ހޯދުމަށް އެހީތެރިވުމުގެ ގޮތުން ހިލޭ އެހީ (ގްރާންޓް) ފޯރުކޮށްދިނުމަށްވެސް އައިޓީއެފްސީން ނިންމާފައިވާ ކަމަށް އެސްޓީއޯ އިން މައުލޫމާތުދެއެވެ. އަދި އައިޓީއެފްސީން ދޭ ލޯނާއި ހިލޭ އެހީ އަކީ އެކުންފުނިން ކޮވިޑް 19 އާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން އެ ކުންފުނީގެ މެންބަރު ގައުމުތަކަށް އެހީތެރިވުމުގެ ގޮތުން ކުރާ ކަމެއް ކަމަށް އެސްޓީއޯއިން ފާހަގަކުރެއެވެ.
އައިޓީއެފްސީގެ ފައިނޭންސް އަދި ގްރާންޓް އެހީއާއެކު އެސްޓީއޯއިން ކާޑާއި ބޭހުގެ އިތުރުން ސިއްހީ މަސައްކަތްތެރިންނަށް ބޭނުންވާ އެންޓި-ފޮގް ފޭސް ޝީލްޑް، ސޭފްޓީ ގޮގްލް، އަދި ޕްރޮޓެކްޓިވް ޔުނިފޯމް ސޫޓް ފަދަ މުހިއްމު ޕާސަނަލް ޕްރޮޓެކްޓިވް އިކުވިއިޕްމަންޓް ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެސްޓީއޯއިން މައުލޫމާތު ދިން ގޮތުގައި މިކަމާ ގުޅިގެން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ކޮވިޑް 19ގެ އައުޓްބްރޭކްއަކަށް ރާއްޖެ ވަރަށް ކުރިން ތައްޔާރުވަމުން އައިސްފައިވާ ކަމަށެވެ. އަދި މިކަމަށްޓަކައި ރިސްކް އެސެސްމަންޓްތަކެއް ހެދި ކަމަށާއި ނޭޝަނަލް ރެސްޕޯންސް ގައިޑްލައިންއާއެކު ހެލްތު އިމަޖަންސީ ކޯޑިނޭޝަން ކޮމިޓީއެއް އެކުލަވާލި ކަމަށް އަމްރު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ވައިރަސްއަށް ޓެސްޓުކުރެވޭނެ ގޮތްތައް ހަމަޖެއްސުމަށްޓަކައި ޓެސްޓް ކިޓްތައް ހޯދުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދިޔަކަށް އަމްރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އައިޓީއެފްސީން އެސްޓީއޯއަށް ދިން ލޯނު އެހީ އަދި ގްރާންޓް އެހީއާއެކު ރާއްޖޭގައި ކޮވިޑް ބައްޔަށް ޓެސްޓް ކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ވަރުގަދަވެ، ހަރުދަނާ ވާނެ ކަމަށް އަމްރު ވިދާޅުވިއެވެ. އަދި މި ފަންޑުގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތައްވެސް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އަމްރު ވިދާޅުވިއެވެ.
އައިޓީއެފްސީ އަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގްރޫޕްގެ މެމްބަރެކެވެ. މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަގުސަދަކީ އޯއައިސީ މެމްބަރު ގައުމުތަކުގެ މެދުގައި ވިޔަފާރި ކުރިއެރުވުމާއެކު، މީގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޖުތިމާއީ އަދި އިގުތިސާދީ ކަންތައްތައްވެސް އިތުރަށް ކުރިއަރައިގެން ދިއުމެވެ.
ޖެނުއަރީ 2008 ގައި މަސައްކަތް ފަށާފައިވާ އައިޓީއެފްސީ އަކީ އޯއައިސީ މެމްބަރު ގައުމުތަކަށް ވިޔަފާރީގެ ކަންތައްތަކުގައި އެންމެ ގިނައިން އެހީވާ ކުންފުންޏެވެ. އެގޮތުން އޯއައިސީގެ މެމްބަރު ގައުމުތަކަށް އެކުންފުނިން މިހާތަނަށް 51 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އަދަދަކަށް ވަނީ ފައިސާ ދޫކޮށްފައެވެ.