ދިރާގު ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ފިތުރު ޒަކާތް ދެއްކޭނެ ގިނަ ގޮތްތަކެއް އެކުންފުނިން ތައާރަފު ކޮށްފިއެވެ.
ދިރާގުން ބުނީ، މާލެ ސިޓީގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތައް ލޮކްޑައުން ހާލުތުގައި އޮތުމުގެ ސަބަބުން ފިތުރު ޒަކާތް ދެއްކުމަށް ޑިޖިޓަލް ވަސީލަތްތަކުގެ މުހިންމުކަން ކުރިއަށް ވުރެ ބޮޑުވެފައިވާ ކަމަށާއި މީގެ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުވެސް ދިރާގު ހުރިހާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކުމަށް ލުއިފަސޭހަތަކެއް ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ދިރާގު ޕޭއާއި، ދިރާގު ނައު އެޕާއި އެކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގު ޕޭ
ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމަށް https://www.dhiraagu.com.mv/ocs/service_zakath.aspx މި ލިންކަށް ޒިޔާރަތް ކުރުމަށް ފަހު ފިތުރު ޒަކާތް ދެއްކުމަށް ފުރިހަމަ ކުރަން ޖެހޭ މައުލޫމާތު ފޯމު ފުރިހަމަ ކޮށް، ދިރާގު ޕޭ ވޮލެޓު، ނުވަތަ ބީއެމްއެލް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް ފައިސާ ޖަމާކުރުމުން ފިތުރު ޒަކާތް ދެއްކޭނެއެވެ. ފިރާގުން ބުނީ، ފަސޭހަކަމާއެކު ދިރާގު ޕޭއަށް ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ޓްރާސްފާ ބޭނުންކުރެވޭނެ ކަމަށެވެ.
ދިރާގު ނައު އެޕް
ދިރާގުން އަލަށް ތައާރަފުކުރި "ނައުއެމްވީ" އެޕް މެދުވެރިކޮށްވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އެކުންފުނިން ބުނެއެވެ. އެޕް ސްޓޯ އަދި ޕްލޭ ސްޓޯއިން ހިލޭ ޑައުންލޯޑްކޮށްލެވޭ މި އެޕް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމަށް، އެކަމަށް ކަނޑައަޅާފައިވާ ޓެބަށް ފިއްތާލުމަށްފަހު، އޭގައި ހިމެނޭ ބައިތައް ފުރިހަމަ ކުރުމަށް ދިރާގުން އެދެއެވެ. ނައު އެޕް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނީ ވެސް ދިރާގު ޕޭ ކަސްޓަމަރުންނަށެވެ. ނައު އެޕް މެދުވެރިކޮށް ޒަކާތުގެ އިތުރުން ސަދަގާތްވެސް ދެއްކޭނެ އެވެ.
ދިރާގު ޕްރީޕެއިޑް
ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނެ މަގު މިއަހަރު ވެސް ވަނީ ފަހިކޮށްދީފަ އެވެ. އެސްއެމްއެސް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމަށް ގުޅަން ޖެހެނީ #5*454* އަށެވެ.
ދިރާގުން ބުނީ އެކުންފުނީގެ ހިދުމަތްތައް މެދުވެރިކޮށް ޒަކާތް ބަލައިގަތުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 20 ވަނަ ދުވަހުގެ ހަވީރު 6:00 ގެ ނިޔަލަށް ކަމަށެވެ.
ކޮވިޑް 19ގެ ހާލަތުގައި ކަސްޓަމަރުންނަށް ލުއި ފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން އަންނަނީ މާޗް މަހުން ފެށިގެން އިތުރު ޑޭޓާ އަދި ޑިސްކައުންޓް އެކުންފުނީގެ މޯބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. އަދި މި ޑިސްކައުންޓްތަކާއި އިތުރު ޑޭޓާ މޭ މަހުގެ ނިޔަލަށް ދިނުމަށް ވަނީ ނިންމައިފަ އެވެ.