އަހްމަދު މަހްލޫފު

މަހުލޫފްގެ މައްޗަށް ކޮށްފައިވާ ދައުވާތައް ކޯޓުން ބާތިލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް ކޮށްފައިވާ ދައުވާތައް ކްރިމިނަލް ކޯޓުން ބާތިލް ކޮށްފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގައި ބާތިލްކުރީ މަހުލޫފުގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއެކެވެ.

މިއަދު ބާތިލްކުރި ދެ ދައުވާއަކީ ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއާއި މިއަހަރުގެ ފެބުރުއަރީ މަހުގެ ތިންވަނަ ދުވަހު މާފުށީ ޖަލު ކައިރީގައި މުޒާހަރާ ކުރި މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއެވެ.

ފެބްރުއަރީ ތިނެއްގައި މާފުށީ ޖަލު ކައިރީ ކުރި މުޒާހަރާއާ ގުޅިގެން ހައްޔަރުކުރުމަށްފަހު ކޯޓުން ވަނީ އޭރު ޝަރީއަތް ނިމެންދެން މަހުލޫފު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލީ މިދިޔަ އަންގާރަ ދުވަހުއެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުކުމްކޮށްފައިވާ ސިޔާސީ ފަރާތްތައް ކޯޓުން ދަނީ ބަންދުން ދޫކޮށްލަމުންނެވެ. މަހުލޫފުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި، ކުރީގެ ސީޕީ އަހްމަދު އަރީފް އަދި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވެސް ވަނީ ބަންދުން ދޫކޮށްލައިފައެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ޕާސަނަލް ސެކިއުރިޓީ ޓީމުގައި ހަރަކާތްތެރިވާ މުހައްމަދު އަޒުމީ އާއި އެމަނިކުފާނުގެ އޮފީހުގައި މަސައްކަތްކުރާ ނަޖުމާ އިބްރާހިމް ވެސް ވަނީ ބަންދުން ދޫކޮށްލައިފައެވެ.