ރައްޔިތުންގެ މަޖިލިސް

އިތުބާރު ނެތްކަމުގެ ވޯޓު ނަގައި ހޯމް މިނިސްޓަރު މިހާރުން މިހާރަށް މަގާމުން ދުރުކުރުމަށް މެންބަރު ހަލީމު ގޮވާލައިފި

އިބްރާހިމް ޒަކީ

4

ހޯމް މިނިސްޓަރު އިމްރާން އަބުދުﷲގެ އިތުބާރު ނެތްކަމުގެ ވޯޓުނައި، މިނިސްޓަރު ކަމުގެ މަގާމުން ދުރުކޮށް އާ ހޯމް މިނިސްޓަރަކު އައްޔަން ކުރުމަށް ރައްޔިންގެ މަޖިލީހުގެ ބިލެތްދޫ ދާއުރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ގޮވާލައްވައިފިއެވެ.

ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން އަޅާފައިވާ، ލޮކްޑައުންގެ ސިޔާސަތުތަކާ ހިތްހަމަޖެހިވަޑައިނުގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ދޮންބިލެތް ވިދާޅުވީ، ރާއްޖެއަށް ދިމާވެފައި މިވާ މައްސަލައަކީ މުޅި ދުނިޔެއަށް ދިމާވެފައިވާ އެންމެބޮޑު ސިއްހީ ކާރިސާ ކަމަށެވެ.

ނަމަވެސް މިކާރިސާ ދިމާވި އެހެން ގައުމުތަކުގައި މިކަމާބެހޭ މައުލޫމާތުތައް ދެނީ، ސަރުކާރުގެ ވެރިންނާއި ހެލްތު މިނިސްޓަރުން ކަމަށްވިޔަސް ރާއްޖޭގައި އެކަމާބެހޭ މައުލޫމާތު ދޭތަން ފެންނަނީ ދެ ޑޮކްޓަރުންނާއި، (ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު) މަބްރޫކު ކިޔާ ކުއްޖެއް ކަމަށް މެންބަރު ވިދާޅުވިއެވެ.

ސަރުކާރުގެ ކަންތައްތައް މިއަށްވުރެ ހަރުދަނާ ވާން ޖެހޭނެކަން ފާހަގަ ކުރައްވައި ދޮންބިލެތް ވިދާޅުވީ، "މިއީ އިހުލާސްތެރި ސަރުކާރެއް ނަމަވެސް ސަރުކާރުގެ ވުޒާރާތަކުގައި ހިންގަވަން ތިބި ގިނަ ބޭފުޅުންނަކީ، ގާބިލު ބޭފުޅުން ނޫން،" ކަމަށެވެ.

އެހެންކަމުން ކޮވިޑްގެ ކަންތަކުންވެސް އަވަހަށް އަރައިގަނެވޭނީ، އެ ވުޒާރާތައް އޯވަހޯލްކޮށްގެން ވަރަށް ގިނަ ވަޒީރުންގެ އިތުބާރު ނެތްކަމުުގެ ވޯޓުނަގައި އެވަޒީރުން ބޭރުކޮށް، އާ ވަޒީރުން އެތަންތަނަށް ލައިގެން ކަމަށެވެ.

މެންބަރު ވިދާޅުވީ މިހާރު ތިބި ވަޒީރުންނަކީ އެކަށޭނަ ގާބިލު ބައެއް ނޫން ކަމަށާއި، ވަޒީރުންގެ މަގާމަށް އައްޔަންކުރަން ވަރަށް ގާބިލު، ކިޔަވައިގެން ތިބި ތަޖުރިބާ ލިބިގެން، ބޭރުގައުމުތަކުން އައިސް ތިބި ބޭފުޅުން ވެސް ރާއްޖޭގައި އެބަ ތިއްބެވި ކަމަށެވެ. އަދި މިހާރު މިއޮތް ކޯލީޝަން ސަރުކާރު ނިމުމަކަށް ގެނެސް ރަނގަޅު ވަޒީރުން ލައިގެން ކަންތައްތައް ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހާއްސަކޮށް މިދަނޑިވަޅަކީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބަދަލުކުރަން ޖެހޭ ދަނޑިވަޅެއް ކަމަށާއި، ވީ އެންމެ އަވަހަކަށް ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި އެމަގާމަށް އާ ބޭފުޅަކު އައްޔަން ކުރުމަށް މަޖިލީހަށް ގޮވާލާކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟