އިބްރާހިމް ޒަކީ
ބިރުވެރި ފިލްމެއްގެ ގޮތުގައި ޓީވީތަކުން ކޮވިޑް 19 ގެ ވައިރަސް ދައްކަމުންދާތާ މަސްދުވަސް ވެއްޖެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް މިހެން ވިދާޅުވީ، ކޮވިޑް 19 އަށް ޕޮޒިޓިވް ވި ނަރުދޫ މީހުންނާ ބެހޭގޮތުން، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
ރިޒާ ވިދާޅުވީ، ނަރުދޫން 11 މީހަކަށް ކޮވިޑް ޖެހިގެން ދޮނަކުޅި ރިސޯޓުގައި ފަރުވާދެމުންދާތާ މިހާރު 18ވަރަކަށް ދުވަސް ވެއްޖެ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ ދެވަނަ ޓެސްޓް ހަދަން އެދިގެން އެކަންވެސް ނުކުރެވި ވާކަމަށް ރިޒާ ވިދާޅުވިއެވެ.
ރިޒާ ވިދާޅުވީ އެމީހުން ބޭނުންވަނީ ޓެސްޓް ހަދައިގެން އަވަށް ރަށަށް ދާން ކަމަށެވެ. ކޮވިޑަށް ރަށްރަށުން ޕޮޒިޓިވް ވާ މީހުންނާއި، އެބައްޔަށް ޝައްކު ކުރެވޭ މީހުުންނަށް އެބަޔަކު ދިރިއުޅޭ ރަށުގައި ކަރަންޓީން ފެސިލިޓީ ތަކާއި އައިސޮލޭޝަން ފެސިލިޓީތައް ގާއިމް ކުރުމާ ބެހޭގޮތުންވެސް ރިޒާ ވާހަކަ ދެއްކެވިއެވެ.
ރިޒާ ދައްކަވަމުން ގެންދެވި ވާހަކަތަކުގެ ތެރެއިން، މަޖިލިސް ރައީސްވަނީ އެމީހުންގެ ހާލު ރަނގަޅުތޯ، އާއި އެމީހުން ތެދުވެ އުޅޭތޯ އާއި ތިބެނި އެނދުމަތިވެފައިތޯ ވެސް ސުވާލު ކުރަވައިފައެވެ.
ރިޒާ ވިދާޅުވީ ކޮންމެ ދެދުވަހަކުން އެއްދުވަހުހެން، އެމީހުންނާ ގުޅުއްވާ ކަމަށާއި، އެންމެންގެ ހާލުވެސް ރަނގަޅު ކަމަށާއި ތެދުވެ އުޅޭ ކަމަށާއި، ބަލީގެ އެއްވެސް ކަމެއް އެ މީހުންގެ ނެތް ކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ ކޮވިޑް 19 އަކީ ނުރައްކާތެރި ބައްޔެއް ކަމަށް ގިނަ ރައްޔިތުން ނުދެކޭ ކަމަށެވެ. އަދި އެ ބައްޔަކީ މަރުބައްޔެއް ކަމުގައިވެސް ނުދެކޭ ކަމަށާއި، މަރުބަލީގެ ގޮތުގައި ފާހަގަކުރެވޭ ބަލިތައް އެބަހުރި ކަމަށެވެ.
"މިސާލަކަށް ނަރުދޫގައި 11 މީހުންނަށް ޖެހިއްޖެ އެމީހުން ހަގީގަތުގައި ގަބޫލެއް ނުކުރޭ، އެމީހުންނަށް، ކަމެއް ވެފައި ތިބިކަމެއްވެސް، މި ބަލީގެ ނުރައްކާތެރިކަމެއް އަޅުގަނޑުމެންނަކަށެއް ގަނބޫލެއް ނުކުރެވުނު އަޅުގަނޑު، މިދަންނަވަނީ ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުންނަކަށް އެކަމެއް، އެއީ މިބައްޔަކީ އެފާހަގަ ކުރެވުނު ބާވަތުގެ މަރުބައްޔެއްނޫންކަން، މަރުބަލީގެ ގޮތުގައި އަޅުގަނޑުމެނަށް ފާހަގަކުރެވޭ ބަލިތައް އެބަހުރޭ،" މަޖިިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މި ބައްޔަކީ ނުރައްކާތެރި ބައްޔެއް ކަމަށާއި، ނަަމަވެސް އެއީ މި ބަލީގައި ހާލުދެރަވާ މީހުންނަށް ކަމަށެވެ.
"މި ބައްޔަކީ ނުރައްކާތެރި ބައްޔެއް، މީގައި ހާލުދެރަވާ، ހާލު ބޮޑުވާ މީހުންނަަށް، އެހެންނަމަވެސް އެއީ ވަރަށް މަދު އަދަދެއްގެ މީހުންނަށް، އެއީ މާތް ރަސްކަލާނގެ އިރާދަފުޅުން އަޅުގަނޑުމެނަށް ލިބިފައިވާ ނަސީބެއް، ނަރުދޫ ރައްޔިތުން ހެޔޮ ހާލުގައި ތިބިކަމީ އިންނަމާދޫ ދޮންއަލީއަށް ނަރުދޫއަށް އަޅުގަނޑު ހަމަ ނަރެއް ފޮނުވާވަރު ކަމެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.