މަޖިލީހުގެ ރައީސް

މާލޭގައި ގިނަބަޔަކު ތާށިވެފަތިބުމަކީ ލިބޭބޮޑު ގެއްލުމެއްކަން ރައީސަށް އެނގިވަޑައިގަންނަވަން ޖެހޭނެ: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

މާލޭގައި އެތައް ހާސް ބަޔަކު ތާށިވެފައި ތިބުމަކީ އެތައް ބަޔަކަށް ލިބޭ ބޮޑު ގެއްލުމެއްކަން ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާ މި ދަނޑިވަޅުގައި، އެކި ކަންކަމަށް މާލެއައިސް ތިބި މީހުންނަށް ރަށަށް ނުދެވި މާލޭގައި ބަންދުވެފައި ތިބި މައްސަލައިގަިއ ކަނަބޮޑުވުން ފާޅު ކުރައްވައި ބައެއް މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އެކި ބޭނުންތަކަށް މާލެ އައިސް މާލޭގައި ތާށިވެފައި ތިބި މީހުން ރަށްރަށަށް ފޮނުވުން ލަސްވަމުން ދާތީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަމަށެވެ. އެކި ބޭނުންތަކަށް މާލެއައިސް ރަށަށް ނުދެވި ތާށިވެފައި ތިބި ގިނަ މީހުން އުޅެމުން ދަނީ ވަރަށް ހާލުގައި ކަމަށްވެސް ވިދާޅުވިއެވެ.

އެކަމުގައި މެންބަރުންގެ ކެތްތެރިކަން ކޮޅުންލާތަން ފެނިވަޑައިގަންނަވާ ކަމަށާއި، އެމަނިކުފާނުގެ ކެތްތެރިކަން ހިފެހެއްޓޭނީ ވެސް ވަކި މިންވަރަކަށް ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެ މީހުން ރަށްރަށަށް ފޮނުވުމުގެ ކަންކަމަކީ މުހިއްމު ކަމަކަށް ނުފެންނަ ސަބަބެއް ނުވިސްނޭ ކަމަށް ވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވެފައި ވާއިރު، ލޮކްޑައުންއާ ގުޅިގެން މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ މީހުނާއި ރަށަށް ބަދަލު ވާން ބޭނުންވެގެން ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ 5،000 އަށް ވުރެ ގިނަ މީހުން އެމީހުންގެ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފައެވެ.

އެންމެ ފަހުން ރޭ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ކޮވިޑުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މި 5000 މީހުންގެ ތެރެއިން ލޮކްޑައުންނާއި ގުޅިގެން ތާށިވީ މީހުންގެ އަދަދި ހުރީ 1500 އިން ދަށުގައި ކަމަށާއި އޭގެ ތެރޭން 500 އަށްވުރެ ގިނަ މީހުން މިހާރު ކަރަންޓީނަށް ފޮނުވާލެވިފައިވާ ކަމަށެވެ.