ރައްޔިތުންގެ މަޖިލިސް

އެޗްއާރުސީއެމްގެ މެންބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ ތަޅުމުގައި އިއުލާންކޮށް ކޮމިޓީއަށް ފޮނުވައިފި

އިބްރާހިމް ޒަކީ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް އިއުލާން ކުރެއްވުމަށްފަހު، މަޖިލިސް ރައީސް އެ މައްސަލަ ރައްޔިތުންގެ މަޖިލީހުންގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

އެކަން މަޖިލީހަށް އިއުލާން ކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެޗްއާރުސީއެމްގެ މެންބަރުން ވަކިކުރަން ކުރަން ޖެހޭ މަސައްކަތް ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދިރާސާ ކުރުމަށް އެ ކޮމިޓީއަށް ފޮނުވަން ނިންމަވާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނަނީ، ދައުލަތުގެ މަގާމެއްގައި ހުންނަ ފަރާތެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިޔަށް ގެންދެވޭނީ، މަޖިލީހުގެ ރައީސް އެކަން މަޖިލީހުގެ ތަޅުމުގައި އިއުލާން ކުރުމަށް ފަހުގައި ކަމަށެވެ.

ކޮވިޑް 19ގެ ހާލަތުގައި މީހުންގެ ހައްގުތައް ކަށަވަރުކުރުމަށް އެޗްއާރުސީއެމުން އެދެވޭ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާކަން ފާހަގަކޮށް، އެޗްއާރުސީއެމްގެ މެންބަރުން ވަކިކުރަން ހުށަހަޅާފައިވަނީ، ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީންނެވެ.

އެކަމާގުޅިގެން އެ ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި ބުނެފައިވަނީ، ކޮވިޑް-19ގެ ހާލަތުގައި މީހުންގެ ހައްގުތައް ކަށަވަރު ކުރުމަށް އެ ކޮމިޝަނުން އެދެވޭ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށެވެ.

އެގޮތުން މައުލޫމާތު ސާފު ކުރަން މަޖިލީހުން އެކޮމިޝަނަށް ސިޓީ ފޮނުވުމުގެ ކުރިން، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ތިބޭ ތަންތަނުގެ ހާލަތު ބެލުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށާއި، ޖަލުތަކުގައި ކުރެވޭ މުއާމަލާތްތައް މިވަގުތު ބަންދުވެފައިވާއިރު، އެޗްއާރުސީއެމަށް މައްސަލަ ހުށަހެޅެން އޮންނަ އިންތިޒާމުވެސް ބަދަލުވެފައިވާއިރު، ޖަލުގައި ތިބޭ މީހުނަށް ކޮމިޝަނަށް މައްސަލަ ހުށަހެޅޭނެ ގޮތެއް ހަމަޖައްސާފައި ނުވުމުގެ އިތުރުންވެސް އިތުރު ބައެއް ކަންތައްއްތައް ވަނީ އެ ރިޕޯޓްގައި ފާހަގަ ކޮށްފައެވެ.

އެޗްއާރުސީއެމްގެ މެންބަރުންގެ ތެރޭގައި ހިމެނެނީ ކޮމިޝަނުގެ ރައީސް އާމިނަތު އީނާސްއާއި ނައިބު ރައީސް މުހައްމަދު ޒާހިދާއި އައިޝަތު އަފިރީން މުހައްމަދާއި މޫސާ އަލީ ކަލޭފާނު އަދި ނައިވީން އަބްދުﷲ އެވެ.