މަޖިލީހުގެ ރައީސް

މަޖިލީހުގެ ނިންމުންތަކަށް ދައުލަތުގެ އިދާރާތަކުން އިޖާބަ ދޭން ޖެހޭނެ: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

1

ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތަކަށް ދައުލަތުގެ އިދާރާތަކުން އިޖާބަ ދޭން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، ވިއްސާރައިގެ ސަބަބުން ރާއްޖޭގެ ރަށްރަށާއި، މީހުންގެ ގެދޮރަށާއި މުދަލަށް ލިބޭ ގެއްލުންތައް ފޫބެއްދުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސުގައި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ދެއްކެވި ވާހަކައާ ގުޅިގެންނެވެ.

މެންބަރު ސައުދު ވިދާޅުވީ، މިހާރު މިއޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި، ރައްިޔތުންނަށް ދިމާވާ ގޮންޖެހުންތަކާއި އުނދަގޫ ކަންތައްތައް ވާހަކަ ވަރަށް ބޮޑަށް ދެކެވޭ ކަމަށެވެ. އެކަންކަން ހައްލުކޮށްދިނުމަށް އެދި ރެކޮމެންޑޭޝަންތަކާއި ގަރާރުތައް ފާސްކޮށް އެކި ގޮތްގޮތުން ތަކުރާރުކޮށް ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ ކަންތައްތަކަށް ސަރުކާރުގެ އިދާރާތަކުން ސަމާލުކަން ދީ، ސީރިއަސްކޮށް ދެކިފައިނުވާ ކަމަށް ސައުދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އިދާރާތަކުން އެކަންތައްތައް ސީރިއަސްކޮށް ނުނަގާނަމަ، މިހާރަށްވުރެ ބޮޑަށް އެކަންކަމުގައި މަޖިލިސް ސީރިއަސް ވާންޖެހޭ ކަމަށާއި، އެ އިދާރާތައް މަޖިލީހުން ޒިންމާދާރު ކުރުވަން ޖެހޭ ކަމަށެވެ.

ސައުދުގެ ވާހަކަތަކާއި ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުން ނިންމާ ނިންމުންތަކަށް ދައުލަތުގެ އިދާރާތަކުން އިޖާބަ ދޭން ޖެހޭނެ ކަމަށާއި، އެއީ ގާނޫނު އސާސީގައިވެސް އެކަން ބަޔާންކޮށްފައި އޮންނަ ގޮތް ކަމަށެވެ.

އެއްވެސް ވުޒާރާއަކުން އަދި އެއްވެސް އިދާރާއަކުން އެގޮތަށް ކަންތައް ނުކުރާނަމަ އެއިދާރާއެއްގައި ތިއްބަވާ ބޭފުޅުންގެ އިތުބާރު އޮތްތޯ ބެއްލެވުމަކީ މެންބަރުންގެ ނިންމެވުމެއް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

"އެއްވެސް ވުޒާރާއަކުން، އެއްވެސް އިދާރައަކުން އެހެން އެކަން ނުކުރާނަަމަ އިއްޒަތްތެރި މެންބަރުންގެ ނިންމެވުމެއް އެއީ އެފަދަ އިދާރާއެއްގެ، އެފަދަ ވުޒާރާއެއްގައި ތިއްބަވާ ބޭފުޅުންނަށް އިތުބާރު އޮތްތޯ ނުވަތަ ނެތްތޯ ބެއްލެވުމަކީ،" މަޖިލިސް ރައީސް ވިދާޅުވިއެެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟