ކޮވިޑް 19 އާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުން އިންކަމް ސަޕޯޓް އެލަވަންސަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ މުއްދަތު އިކޮނޮމިކް މިނިސްޓްރީން އާންމު ކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ އޭޕްރީލް، މެއި އަދި ޖޫން މަހަށް ކަމަށެވެ. މި އެލަވަންސް ހޯދުމަށް ފޯމް ހުށަނާޅާ މީހުން ފޯމު ހުށަހެޅުމުގެ އެންމެ ފަހު މުއްދަތުގެ ކުރިން ފޯމު ހުށަހެޅުމަށް މިނިސްޓްރީން އެދިފައިވެއެވެ.
އެގޮތުން މިއަހަރުގެ އެކެއް މާޗުން ފެށިގެން 30 އޭޕްރީލްގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުން މިމަހު 30ގެ ކުރިން އިންކަމް ސަޕޯޓް އެލަވަންސަށް އެދި ފޯމު ހުށަހެޅުމަށް މިނިސްޓްރީން އެދިފައިވެއެވެ.
މީގެ އިތުރުން މިމަހު އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުން އަންނަ ޖޫން މަހު ހަތްވަނަ ދުވަހުގެ ކުރިން އިންކަމް ސަޕޯޓް އެލަވަންސަށް އެދި ފޯމު ހުށަހެޅުމަށް މިނިސްޓްރީން އެދިފައިވެއެވެ. އަދި ޖޫން މަހު އާމްދަނީއަށް ނުރަނގަޅު އަސަރު ކުރާ މީހުން ޖުލައި މަހު ހަތްވަނަ ދުވަހުގެ ކުރިން އިންކަމް ސަޕޯޓް އެލަވަންސަށް އެދި ފޯމު ހުށަހެޅުމަށްވެސް މިނިސްޓްރީން އެދިފައި ވެއެވެ.
މިނިސްޓްރީން ބުނީ އިންކަމް ސަޕޯޓް އެލަވަންސަށް އެދި ފޯމު ހުށަހެޅުމަށް ހަމަޖައްސާފައިވަނީ ޖޮބް ސެންޓަރު މެދުވެރިކޮށް ކަމަށެވެ. އަދި އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އުޒުރުވެރިވާ މީހުންނަށް އީމެއިލްގެ ޒަރިއްޔާއިން، [email protected] އަށް ފޯމު ފޮނުވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.