އިންޑިއާ

އިންޑިއާގެ ލޮކްޑައުން 4.0 : ކޮވިޑް ޖެހުނު މީހުންގެ އަދަދު 90،000 އަށް، ބޮޑެތި ލުއިތަކެއް

މިންހާ ފާއިޒް ރަޝާދު

އިންޑިއާގައި ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 90،000 އިން މައްޗަށް އަރާފައިވާކަމަށް އެގައުމުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާއިން އިއްޔެ ވަނީ ބުނެފަ އެވެ.

އިއްޔެއާއި ހަމައަށް އެގައުމުން ބައްޔަށް ޕޮޒިޓިވް 90،927 މީހުން ފެނިފައިވާއިރު 34،108 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ. 2872 މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާމެދުންނެވެ. 53،946 މީހުންނަކީ އެކްޓިވް ކޭސްތަކެވެ.

ބަލި ޖެހޭ މީހުން އިތުރުވަމުންދާތީ އިއްޔެ އެގައުމުގައި ވަނީ ފުރަބަންދު 31 މެއިއަށް އިތުރުކޮށްފައެވެ. މި ފުރަބަންދު އިއުލާނުކޮށްފައި ވަނީ އެގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓު އެކްޓުގެ ދަށުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތީރިޓީންނެވެ. މި ފުރަބަންދަށް "ލޮކްޑައުން 4.0" ގެ ނަން ދީފައިވާއިރު ކުރިން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިއުލާނުކޮށްފައި އޮތް ފުރަބަންދުގައި އަޅާފައި ހުރި ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅުތަަކަށް ވަނީ ބަދަލުވެސް ގެނެސްފައެވެ.

އެގޮތުން ބަލި ނޫޅޭ ހިސާބުތަކުގައި ހުންނަ ބޮޑެތި މޯލްތައް ފިޔަވައި ހުރިހާ ފިހާރަތަކާއި މާކެޓްތައް މިއަދުން ފެށިގެން ހުޅުވާފައި ބެހެއްޓޭއިރު ޒަރޫރީ ބޭނުމަށް ނޫން ގޮތަކަށް ގަންނަން ބޭނުންވާ ތަކެތި ގަނެވޭނީ ހަމައެކަނި ވެބްސައިޓުތަކުން ޑެލިވަރީކޮށްގެނެވެ. މިގޮތަށް އޯޑަރުކޮށްގެން ތަކެތި ގަނެވޭނީވެސް ބަލި ނޫޅޭ ހިސާބުތަކުގައި އެކަންޏެވެ.

ދެ ސްޓޭޓް ދެމެދުގައި ކުރެވޭ ރޭލު އަދި ބަހުގެ ދަތުރުތައް ކުރުމުގެ ހުއްދަވެސް މި ފުރަބަންދުގައި ލިބިގެންދާނެއެވެ. ނަމަވެސް އެގޮތަށް ދަތުރު ކުރެވޭނީ އެއް ސްޓޭޓުން އަނެއް ސްޓޭޓެއްގެ ހުއްދަ ހޯދައިގެންނެވެ. ކާރާއި އޮޓޯ ރިކްޝާތައް ދުއްވުމުގެ ހުއްދަވެސް ވަނީ ދީފަ އެވެ.

ހޮޓާތަކާއި ރެސްޓޯރަންޓުތައް، ސްކޫލު އަދި ކޮލެޖުތައް، ސިނެމާތައް، ޖިމް އަދި ބާ ތަކާއި އެހެނިގެން ޕަބްލިކް ތަންތަން ކުރިންވެސް އޮތްގޮތަށް ބަންދުވާނެއެވެ. ވައިގެ މަގުން ކުރާ ދަތުރުތައް ވެސް މެއި 31 އާއި ހަމަޔަށް ނުކުރެވޭނެ އެވެ. އަޅުކަން ކުރާ ތަންތަނާއި އިތުރު އެހެނިހެން އެއްވުންތައްވެސް ބޭއްވުން މަނައެވެ.