މިންހާ ފާއިޒް ރަޝާދު
ސްޕެއިންގެ މި ބައްޕަ އާއި އަންހެން ދަރިފުޅުގެ ވީޑިއޯތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން މީހުންގެ ސަމާލުކަން ލިބިގެން ދިޔައީ އެ ދެބަފައިން އެކީގައި ކޮންމެ ދުވަހު ކުނި އުކަންދާއިރު އެކި ކާޓޫން ކެރެކްޓަރުންގެ ހެދުން ލައިގެން ދާން ފެށުމުންނެވެ.
މިދެބަފައިން މިގޮތަށް ހެދުން އަޅަން ފެށީ ކޮވިޑް19 އާއި ގުޅިގެން ލޮކްޑައުން ކުރުމުގެ ސަބަބުން ދިރިއުޅަށް ފަނޑުކަން އައިސްފައިވާތީ އުޖާލާ ކުރުމުގެ ބޭނުމުގައިކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ފުރަތަމަ ދުވަސްކޮޅު އެގޮތަށް ތަފާތު ހެދުންތަކުގައި ފެނުނީ ބައްޕަ އެކަންޏެވެ. ބައެއް ދުވަސްދުވަހު އޭނާ ރޮބަޓުގެ ހެދުންލާއިރު، ބައެއް ފަހަރު މަމީއެއް ގޮތަށްވެސް ހެދުން އަޅައެވެ.
ދުވަސްކޮޅަކުން އޭނާގެ އަންހެން ދަރިފުޅުވެސް މިކަމުގައި ބައިވެރިވިއެވެ. ވީޑިއޯތައް ވައިރަލްވީ އެހާހިސާބުންނެވެ. އެދެބަފައިން ބިއުޓީ އެންޑްދަ ބީސްޓާއި، ޑްރެގަން ބޯލް ޒީ، ފްރޯޒެން އަދި ސްޕައިޑާމޭންގެ ކޮސްޓިއުމުވެސް ލިއެވެ.
އެކަން ކުރާ ބައްޕަ، ޖެމީގެ އިންސްޓަގްރާމުގައި އޭނާ އަންނަނީ ވީޑިއޯތައް ހިއްސާކުރަމުންނެވެ. މި ވީޑިއޯތަކުގައި މަޖާ ކެޕްޝަންތައްވެސް ޖަހާފައި ހުރެއެވެ.
ވީޑިއޯތަކުގައި ދަރިފުޅު ފެނިގެންދަނީ ބައްޕަގެ އަތުގައި ހިފައިގެން ހިނގާފައި ކުނި ކޮތަޅު އުކަން ދާ މަންޒަރެވެ.
މިއީ ކޮވިޑްގެ މި ހާލަތުގައި ކުޑަކުދިންނަށް ނަފްސާނީ ގޮތުން މެދުވެރިވާ ނުތަނަވަސްކަން ފިލުވައިލުމަށް ކުރެވިދާނެ މަޖާ ކަމެކެވެ. އެކަމަކު ރާއްޖޭގައި މިކަން ކުރެވޭނީ ގޭތެރޭގަ އެވެ. ދަރިފުޅު ގޮވައިގެން ކުނި އުކާކަށް ނުދެވޭނެ އެވެ.