އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ މަގާމުތަކުގެ އަސާސީ މުސާރަ، ކަނޑައަޅާފައިވާ ނިސްބަތުން 20 ޕަސެންޓާއި 35 ޕަސެންޓާ ދެމެދުގެ އަދަދަކަށް އުނި ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
ކޮމިޓީން އެ މުސާރަތައް އުނިކުރަން ފާސްކޮށްފައިވަނީ މި މަހުން ފެށިގެން ތިން މަހަށް، މެއި، ޖޫން، ޖުލައިއާ ހަމައަށެވެ.
ކޮމިޓީން ފާސްކޮށްފައިވަނީ، 20،000 ރުފިޔާ އާއި 30،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 20 ޕަސެންޓް ކުޑަކުރަން، 30،000 ރުފިޔާ އާއި 60،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓް އަދި 60،000 ރުފިޔާއިން އިން މަތީގެ މުސާރަތަކުން 35 ކުޑަކުރުމަށެވެ.
މިއީ ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ މާލިއްޔަތަށް ލިބިފައިވާ ގެއްލުން ފޫބެއްދުމަށް ހަރަދުތައްް ކުޑަކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ފިނޭންސް މިނިސްޓަރު އެކަމަށް އެދި މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި ހުށަހަޅުމާ ގުޅިގެން ކޮމިޓީން ނިންމާފައިވާ ނިންމުމެވެ.
މި މައްސަލައަށް ބަހުސް ކުރުމަށްފަހު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް މި ހުށަހެޅުން ހުށަހަޅާފައިވަނީ، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ އެވެ. މި ހުށަހެޅުމަށް ތާއީދުކުރެއްވީ މަރަދޫ ދާިއރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.
ކޮމިޓީގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި މެއި މަހުގެ މުސާރަ މީހުންނަށް ލިބި، މެއި މަހުގެ ބޮޑުބައެއް ވޭތުވެފައި ވާއިރު، އެމަހުގެ މުސާރައިން ބައެއް އުނިކުރަން ނިންމުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވާހަކަދެއްކެވިއެވެ.
އަސްލަމް ވިދާޅުވީ، އެހެން ބައެއްގެ މުސާރައާއެކު މުސާރަތައް އުނިކުރަން ނިންމާ އިރު، ވޭތުވެދިޔަ ދުވަސްތަކުގެ މުސާރަ އުނިކުރުމުގެ ބަދަލުގައި ކުރިއަށް އޮތް ދުވަސްތަކުން މުސާރަ އުނިކުރުން މުހިއްމު ކަމަށެވެ.
ކޮމިޓީގެ މި ނިންމުން ރައީސުލްޖުމްހޫރިއްޔާ އިން ފެށިގެން ކެބިނެޓާއި، މިނިވަން މުއައްސަސާތަކާއި މަޖިލިސް މެންބަރުންގެ އިތުރުން ދެންވެސް މަޖިލީހުން މުސާރަ ހުށަހަޅާ ފަރާތްތަކުގެ މައްޗަށް ހިނގާނެއެވެ.
ކޮވިޑް 19އާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހުވެސް، މަޖިލީހުން މުސާރަ ކަނޑައަޅާ މަގާމުތަކުގެ މުސާރަތައް އުނިކުރަން ފާސްކުރިއެވެ. އެފަހަރު އެގޮތަށް ފާސްކުރި ދެމަސް ދުވަހުގެ މުއްދަތަށެވެ.
އަލުން މުސާރަތައް އުނިކުރަން ފާސްކޮށްފައި މިވަނީ އެ މުއްދަތު ހަމަވުމުންނެވެ. އެ ފަހަރު ފާސްކޮށްފައިވަނީ، މަޖިލީހުން ކަނޑައަޅާ މުސާރަތަކުގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާއަށް ވުރެ ގިނައިން ލިބޭ ހުރިހާ އެންމެންގެ މުސާރަައިން 20 ޕަސެންޓް އުނިކުރުމަށެވެ.