ރައްޔިތުންގެ މަޖިލިސް

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މުސާރައާއި އިނާތްތަކަށް 35،000 ހަމަޖެއްސުމަށް ކޮމެޓީން ފާސްކޮށްފި

އިބްރާހިމް ޒަކީ

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މުސާރައާއި އިނާތްތަކަށް 35،000 ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުގައި، ފާސްކޮށްފައިވަނީ، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މުސާރައިގެ ގޮތުގައި 25،000 ރުފިޔާ ހަމަޖެއްސުމާއި އެލަވަންސްގެ ގޮތުގައި 10،000 ރުފިޔާ ހަމަޖެއްސުމަށެވެ.

ކޮމިޓީން މިގޮތަށް ފާސްކޮށްފައިވަނީ ކޮމިޓީ ބައްދަލުވުގައި ތިއްބެވި އަށް މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުގައި އެމާގަށް މުސާރަ ހަމަޖެއްްސުމަށް ކޮމިޓީގައި ކުރިއަށްދިޔަ ބަހުސްގައި ބައެއް މެންބަރުން ވިދާޅުވީ މިދަނޑިވަޅުގައި ސަަރުކާރުން އާ މަގާމަކަށް މުސާރަ ކަނޑައެޅުމަކި ކުރަން ވަރަށް އުނަގޫ ކަމެއް ކަމަށެވެ. ނަމަވެސް އެ މަގާމަކީ މިހާލަތު އައުމުގެ ކުރިން ހަދާފައިވާ ގާނޫނަކަށްވެފައި، ވަކި މުއްދަތެއްގެ ކުރިން އެ މަގާމަށް މީހަކު ހަމަޖައްސައި މުސާރައާއި އިނާޔަތްތައް ކަނޑައަޅަން ޖެހޭނެ ކަމަށް ބުނެފައިވާތީ އެކަން ފަސްކުރެވެން ނެތް ކަމަށް އެ މެންބަރުން ވިދާޅުވިއެވެ.

މިމަގާމަށް މުސާރަ ހަމަޖެއްސުމާބެހޭގުން، ފިނޭންސް މިނިސްޓަރުގެ ލަފަޔަކަށް ކޮމިޓީން އެދުމުން އެ މިނިސްޓްރީން ކޮމިޓީއަށް ފޮނުވާފައިވާ ލަފާގައިވަނީ، މިނވަން މުއައްސަސާތަކާބެހޭ ކޮމިޝަނެއްގެ ރައީސުންނަށް ދޭ މުސާރަ އާއި އިނާޔަތްތައް ކަނޑަޅަން ފެންނަ ކަމަށެވެ. ނަމަވެސް އޮމްބަޑްސްޕާސަން އަށް ވަކި އޮފީހެއް ހަމަޖެއްސުމުގެ ބަދަލުގައި އެ މަސައްކަތާ އެންމެ ގުޅޭ މުއައްސަސާއަކުން، އޮމްބަޑްސްޕާސަންގެ މަސައްކަތް ކުރިއަށް ގެންދެވޭ ގޮތް މިއަހަރުގެ ނިޔަލަށް ހަމަޖެއްސުމަށްވެސް ލަފާގައި ހިމަނާފައި ވެއެވެ.

މިނިވަންމުއައްސަސާއެއްގެ ރައީސްގެ މުސާރައާއި އިނާޔަތްތަކާއެކު 45،000 ރުފިޔާ ކަނޑައޅާފައިވާ އިރު 14،500 ރުފިޔާގެ އިންޝުއަރެންސް ޕެކޭޖެއް ވެސް ހަމަޖައްސައި، ކާރެއްވެސް ހަމަޖައްސާފައި އޮވެއެވެ.

ނަމަވެސް ގައުމުގެ މިހާރުގެ ހާލަތާއި، އޮމްބަޑްސްޕާސަންގެ މަސްއޫލިއްޔަތަށް ބަލައި ކޮމިޓީން ފާސްކުރީ މުސާރައާއި އިނާޔަތްތަކަށް 35،000 ހަމަޖެއްސުމަށެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ހުށަހެޅުއްވި އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ދާންދޫ ދާިއރާގެ މެންބަރު ޔައުގޫބު އަބުދުﷲ އެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ގދ. ތިނަދޫ، ހިރިޔާ، ސިޔާނަތު ހާޝިމް އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިދިޔަ ހޮނިހިރު ދުވަހުގެރޭ ވަނީ ފާސްކޮށްފައެވެ.