އިބްރާހިމް ޒަކީ
ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމުގެ ޝަރުތުތަކުގެ ތެރޭގައި ގާނޫނުގައި ކަނޑައަޅާފައިވާ ދެ ޝަރުތަކަށް އަމަލުކުރުން 2021 ވަނަ އަހަރުގެ ޖެނުއަރީ އެކަކާއި ހަމަޔަށް ފަސްކުރަން ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފިއެވެ.
ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރެވޭ ޝަރުތުތައް ހިމަނާފައިވަނީ، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 30 ވަނަ މާއްދާ އާއި 31 ވަނަ މާއްދާގައެވެ.
ގާނޫނުގައި ބުނާ އެ ޝަރުތުތައް ފުރިހަމަ ކުރާ ފަރާތްތަކަށް ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރަނީ، ބާ ކައުންސިލުންނެވެ.
ނާޒިމް އިސްލާހު ހުށަހަޅުއްވާފައިވަނީ އެ ގާނޫނުގެ 31 ވަނަ މާއްދާގައި، ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރެވޭ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ގާނޫނީ ހިދުމަތް ދޭ ތަނެއްގައި އެއްއަހަރު ދުވަހުގެ ތަމްރީން ފުރިހަމަކުރުމާއި، ބާ އިމްތިހާނު ފުރިހަމަކުރުން، މި ދެޝަރުތަށް އަމަލުކުރުން ޖެނުއަރީ އެކަކަށް ފަސް ކުރުމަށެވެ.
ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ގާނޫނުގެ 31 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ "މި ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތައުލީމީ މަރުކަޒަކުން ޑިގްރީއެއް ހާސިލްލުކޮށްފައިވާ ފަރާތަކުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުގެ ކުރިން، މި ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބާ އިމްތިހާނުން ފާސްވެ، އެ މާއްދާގައި ބުނެފައިވާ ތަމްރީނު ފުރިހަމަކުރަންވާނެއެވެ.
މީގެ އިތުރުން އެ މާއްދާގެ (ށ) ގައި ބުނެފައި ވަނީ މި މާއްދާގެ (ހ) ގެ ދަށުން ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތުން ފުރިހަމަކުރަން ޖެހޭ ތަމްރީނުގެ މުއްދަތަކީ އެއް އަހަރު ދުވަހުގެ މުއްދަތު ކަމަށެވެ. އަދި މި ތަމްރީނު ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތުން ފުރިހަމަކުރަން ޖެހޭނީ ބާ ކައުންސިލުން ހުއްދަކުރާ ތަނެއްގައި ކަމަށެވެ.
ނާޒިމް ވިދާޅުވީ، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހެއް ހުށަހެޅުއްވީ، ކޮވިޑް 19 ބައްޔާއި ގުޅިގެން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް ދަތިވެ، އެ ހުއްދަ ނުލިބުމުގެ ސަބަބުން އާމްދަނީ ހޯދުމަށް ގޮންޖެހުން ކުރިމަތިވެފައިވާ މީހުންނަށް އެކަމުގެ ހައްލު ހޯދައިދިނުމަށްޓަކައި ކަމަށެވެ.
ނާޒިމްގެ މި އިސްލާހަށް ތާއީދު ކުރައްވައި އެ ބިލް ކޯސްޕޮންސާ ކުރައްވާފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެވެ.
ނާޒިމްގެ އިސްލާހުގައި ބުނެފައިވަނީ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރުމަށްފަހު، ގާނޫނީ ހިދުމަތްދޭ ތަނެއްގައި އެއްއަހަރު ދުުވަހުގެ ތަމްރީން ފުރިހަމަ ނުކުރެވުމާއި، ބާ އިމްތިހާނު ފުރިހަމަކުރެވިފައި ނުވާތީ 300 ވުރެ ގިނަ ވަކީލުންނަށް އާމްދަނީ ހޯދުމަށް މަސައްކަތް ފެށިފައި ނުވާ ކަމަށެވެ.