އެސްޓީއޯ

އެސްޓީއޯއަށް ފުރަތަމަ ކުއާޓާގައި 114 މިލިއަން ރުފިޔާގެ ފައިދާއެއް

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 114 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެސްޓީއޯގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅައި ބަލާއިރު 141 މިލިއަން ރުފިޔާ ނުވަތަ ހަ ޕަސެންޓުގެ އިތުރު ވުމެކެވެ.

ހުރިހާ ހަރަދުތައް ކެނޑުމަށްފަހު އެ ކުންފުންޏަށް 114 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅައި ބަލާއިރު 32 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނީ 82 މިލިއަން ރުފިޔާ އެވެ.

ފުރަތަމަ ކުއާޓަރުގައި އެސްޓީއޯގެ މާލީ އުސްއަލިތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުނީގެ ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 211 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ހަރަދު ކޮށްފައިވާ 248 މިލިއަން ރުފިޔާއަށްވުރެ 37 މިލިއަން ރުފިޔާ ނުވަތަ 14 ޕަސެންޓުގެ ދަށް އަދަދެކެވެ.

އެސްޓީއޯގެ ޖުމްލަ ފައިދާގެ ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅައި ބަލާއިރު ނުވަ ޕަސެންޓް ނުވަތަ 28 މިލިއަން ރުފިޔާގެ އިތުރުވުމެއް ލިބިފައިވެ އެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 358 މިލިއަން ރުފިޔާގެ ޖުމްލަ ފައިދާއެއް ލިބިފައިވާއިރު މިދިޔަ އަހަރު ލިބުނީ 329 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯ އިން ބުނީ އެކުންފުނީގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާ އިތުރުވީ ރަނގަޅު ރޭވުންތެރިކަމާއި މެނޭޖްމަންޓުގެ ނިންމުންތަކުގެ ސަބަބުން ކަމަށެވެ. ކޮވިޑް 19އާ ގުޅިގެން ކުއާޓަރުގެ ފަހުކޮޅު ވިޔަފާރީގެ މާހައުލަށް ކުރިން ލަފާ ނުކުރެވުނު ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، އާންމުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ތެލާއި ބޭހުގެ ބާވަތްތަކަށް އިސްކަން ދީގެން ވިޔަފާރި ކުރިއަށް ގެންގޮސްފައިވާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއިން ވަނީ އެކުންފުނީގެ 99.99 ޕަސެންޓް ހިއްސާއާއެކު މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީގެ ނަމުގައި ޝިޕިން ވިޔަފާރީގެ ތެރެއަށް ވެސް ވަދެފަ އެވެ.