ރާއްޖޭގައި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެގެން ދާނަމަ ގައުމުތަކުން އެހީދޭއިރު ބަލާ މިންގަނޑުތަކަށްވެސް އިތުރު ބަދަލތައް އަންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެންއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް އެގްޒެކްޓިވް އަހްމަދު ސަރުވަޝް އާދަމް ވިދާޅުވީ ހާލަތު އިތުރަށް ގޯސްވެގެން ދާނަމަ ގައުމުތަކުން އެހީދޭއިރު ބަލާ މިންގަނޑުތަކަށްވެސް ބަދަލު އަންނާނެ ކަމަށެވެ.
އެގޮތުން އިގުތިސާދީ ހާލަތު މިހާރަށްވުރެ ގޯސްވަމުންދާއިރު ގައުމުތަކުންނާއި އިންޓަނޭޝަނަލް މަނިޓަރީ އޯގަނައިޒޭޝަންތަކުން އެހީދޭއިރު ބަލާ މިންގަނޑުތަކަށްވެސް ބަދަލު އަންނާނެ ކަމަށާއި އަދި މަސައްކަތް ކުރަމުންދާނީ މިހާރު އޮތް ހާލުގައި ނޫން ކަމަށެވެ. އެހެންކަމުން އެއިރެއްގެ ކަންކަން ވަމުންދާނީ އެ ހާލަތަކަށް ރިޔާއަތްކޮށް ކަމަށާއި އެހެންކަމުން ހާލަތުވެސް ބަދަލުވާނެ ކަމަށް ބަލަން ޖެހޭނެ ކަމަށެވެ.
"އިގުތިސާދީ ހާލަތު މިހާރަށްވުރެ ގޯސްވަމުންދާއިރުގައި، އަދި މިހާރު އޮތް ހާލުގައެއް ނޫން އެހީތަކާއި އަދި ގައުމުތަކުން އަޅުގަނޑުމެންނަށް އެހީތެރިކަންދޭ މިންވަރާއި އިންޓަނޭޝަނަލް މަނިޓަރީ އޮގަނައިޒޭޝަންތަކުން މަސައްކަތް ކުރަމުންދާނީ ވެސް. އެހެންވީމަ އެ ހާލަތުވެސް ބަދަލުވާނެ ކަމަށް އަޅުގަނޑުމެން ބަލަން ޖެހޭނެ. މިހާރަށްވުރެ ގޯސް ހާލަތަކަށް ދުނިޔެވެސް ދާއިރު. ހަމައެކަނި ރާއްޖެއަކަށް ނޫން މިއޮތީ މިހާލަތުގައި. ހަމަ މުޅި ދުނިޔެވެސް މިއޮތީ ވަރަށް ބޮޑު ކްރައިސިސްއެއްގައި. މީގެން ނުކުންނާނެ އިރެއް އެހެން ދަންނަވާކަށް ނޭނގޭ،" ސަރުވަޝް ވިދާޅުވިއެވެ.
ސަރުވަޝް ވިދާޅުވީ ކްރައިސްތަކުގައި އަމަލުކުރާނެ ގޮތްތައް ރާވައި އެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަލުން އިގުތިސާދު ފަށައިގަންނަ އިރު އަމަލުކުރާނީ ކިހިނެއްތޯ އަދި އަޅާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށާއި އިގުތިސާދު އަލުން ހުޅުވާލުމުގެ ޕްލޭންތައްވެސް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.