މެދުކަނޑައިލާފައިވާ ޔޫރަޕް ފުޓްބޯޅަ ލީގް، ޖަރުމަންގެ ބުންޑެސް ލީގާ މިއަދު ފަށާއިރު ފުރަތަމަ މެޗާ ދިމާކޮށް ބޮރޫޝިއާ ޑޯޓަމުންޑުން ސައިކޮލަޖިސްޓެއް ހޯދައިފި އެވެ.
ޔޫރަޕްގެ އެންމެ ބޮޑު ލީގްތަކުގެ ތެރެއިން އެންމެ ފުރަތަމަ ޖަރުމަންގެ ބުންޑެސް ލީގާ ފަށާއިރު އެ ލީގްގައި އެންމެ ފުރަތަމަ ކުޅޭ މެޗުތަކުގެ ތެރެއިން އެންމެ ހާއްސަ މެޗަކީ، ޑޯޓަމުންޑާ ޝާލްކޭ ބައްދަލު ކުރާ މެޗެވެ.
ކޮވިޑް 19 އާ ގުޅިގެން ދެ މަސްދުވަހަށް މެދުކަނޑާލާފައި އޮތުމަށްފަހު މިއަދު އަލުން ލީގު ފަށާއިރު ކުޅުންތެރިން ހާނުވަން ޑޯޓަމުންޑުން ވަނީ، ސްޕޯޓްސް ސައިކޮލޮޖިސްޓެއްގެ ގޮތުގައި އެ ޓީމުގެ ކުރީގެ ކީޕަރު ފިލިޕް ލައުކްސް ހަމަޖައްސައިފަ އެވެ.
އޮންލައިން ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން ޑޯޓަމުންޑްގެ ކޯޗް ލޫސިއަން ފާވްރޭ ބުނީ، ދެ މަސް ދުވަހަށް ފަހު ކުޅޭ ފުރަތަމަ މެޗުގައި ވެސް ވަރުގަދަ މެޗަކާ ކުރިމަތިލާއިރު ސަޕޯޓަރުންގެ އެހީއާ ނުލައި ކުޅުންތެރިން ތައްޔާރު ކުރުމަށް ސައިކޮލޮޖިސްޓެއް ކުލަބުން ހަމަޖެއްސުމުން އުފާކުރާ ކަމަށެވެ.
"މިހާލަތަށް ކޮންމެހެން ބޭނުން ވެފައި އޮތް ކަމެއް ކުލަބުން އެ ކޮށްދިނީ. އެކަން ވަރަށް ހާއްސަ ކަމެއްގެ ގޮތުގައި ދެމިއޮންނާނެ. ވަރަށް މުހިންމު ކަމަކަށް އެކަން ވާނެ. އަހަރެމެން މިތިބީ ދެ މަސް ވަންދެން މެޗެއް ނުކުޅެ، ކުޅުންތެރިން ޓްރޭނިން ހަދަމުން ދިޔައީ އެއްވެސް ޓާގެޓެއް ނެތި." ޑޯޓަމުންޑްގެ ކޯޗް ލޫސިއަން ފާވްރޭ ބުންޏެވެ.
ޝާލްކޭ އާއި ޑޯޓަމުންޑަކީ ޖަރުމަންގެ ސިޓީ ނޯތުރެން ވެސްޓްފާލެން އަށް ނިސްބަތްވާ ދެ ކުލަބެވެ. އެއް ސިޓީއަށް ނިސްބަތްވާ ވަރުދަ ޑާބީ މެޗަށް ސަޕޯޓަރުން ނެތި ކުޅެން ޖެހުމަކީ ކުޅުންތެރިންނަށް އޭގެ އުނދަގޫ ކުރާނެ ކަމެއް ކަމަށް ފާވްރޭ ބުންޏެވެ.
ޑޯޓަމުންޑް އާއި ޝާލްކޭ ބައްދަލު ކުރާ މެޗް އޮންނާނީ ރާއްޖޭ ގަޑިން މިއަދު އިރުއޮއްސި 6:30 ގައެވެ.