އެފްރިކާ

ކޮވިޑްގެ ފަރުވާއަށް އެފްރިކާގެ ގައުމަކުން ހާބަލް ޓޮނިކް ބޭނުން ކުރަނީ، ޑަބްލިއުއެޗްއޯގެ އެންގުމާއި ހިލާފު!

މިންހާ ފާއިޒް ރަޝާދު

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ އެންގުމާއި ހިލާފަށް އެފްރިކާގެ ގައުމެއް ކަމަށްވާ މެޑަގަސްކާއިން ހާބަލް ޓޮނިކެއް ކޮވިޑް19ގެ ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރަން ފަށައިފިއެވެ.

މެޑަގަސްކާގައި ވަނީ ކޮވިޑް އޯގަނިކްސްގެ ނަމުގައި ކުރިން ބޭނުން ކުރަމުން އައި ޓްރެޑިޝަނަލް ޓޮނިކް ތަކެއް ކޮވިޑް19ގެ ފަރުވާގެ ގޮތުގައި ބޭނުން ކުރުމަށް އުފައްދައި ތައާރަފުކޮށްފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް އެންޑްރީ ރާޖޮއިލީނާއެވެ.

ގުދުރަތީ ބޭހަށް މަޝްހޫރު މެޑަގަސްކާއިން ވަނީ އެފްރިކަން ޔޫނިއަން އާއި އެފްރިކަން ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއާ ގުޅިގެން ކޮވިޑުގެ ފަރުވާއަކަށް ހާބަލް ބޭހެއް ހޯދުމުގެ މަސައްކަތް ފަށާފައިކަމަށް ބުނެފައެވެ. މިހާރު އުފައްދާފައިވާ ހާބަލް ޓޮނިކް އެފްރިކާގެ އެހެން ގައުމުތަކުން ބޭނުން ކުރުމަށް ދަނީ އިޝްތިހާރުވެސް ކުރަމުންނެވެ.

ނަމަވެސް މި އުފެއްދުންތަކަކީ ބައިނަލްއަގުވާމީ މިންގަނޑަށް ޓެސްޓުކޮށްފައި ނުވާ އުފެއްދުންތަކެއް ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ. ޑަބްލިއުއެޗްއޯއިން ވަނީ މި އުފެއްދުންތަކުގެ ރައްކާތެރިކަމާއި ކްލިނިކަލް ޓެސްޓުތަކެއްކޮށް ނުކުންނަ ނަތީޖާ ބެލުމަށްފަހުގައި ނޫނީ ޓެސްޓު ނުކުރާ ހާބަލް ތެރަޕީ ކޮވިޑުގެ ފަރުވާއަށް ބޭނުން ނުކުރުމަށް އަންގައިފައެވެ.

"ކޮވިޑް19ގެ ފަރުވާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ވަގުތެއްގައި ކަންކަން އޮޅުވައިލުމާއި ދޮގު ހަބަރު ފެތުުރުމާ މެދު އިތުރަށް ސަމާލުވާން އެބަޖެހޭ. ހާއްސަކޮށް ވަކި ބާވަތެއްގެ ބޭހެއް ނުވަތަ ކަމެއް ކުރުމުން ބަލިން ރައްކާތެރިވާނެ ކަމަށް ބުނެ މީސްމީޑިއާގައި ދޮގު ޕޯސްޓުތައް ވަރަށް ގިނައިން ދައުރުވޭ" ޑަބްލިއުއެޗްއޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވެއެވެ.

އެޖަމިއްޔާއިން އިތުރަށް ބުނީ ރައްކާތެރިކަމާއި ނަތީޖާއާމެދު ނުވިސްނައި މިހާރުވެސް އެމީހުންނަށް އެކި މީހުންގެ ފަރާތުން ފާޑުފާޑުގެ ގަސްތައް ކޮވިޑުގެ ފަރުވާއެއްގެ ގޮތުގައި ހުށަހަޅަމުންދާ ކަމަށެވެ. ނަމަވެސް ތަހުލީލު ނުކުރާ ބޭހެއް އެގޮތަށް ބޭނުން ކުރުމުން މީހުންގެ ފުރާނަ ނުރައްކަލަށް ލެވޭނެ ކަމަށެވެ. އަދި ފަރުވާއެއް ކަމަށް ހޯމް ރެމެޑީޒް ބޭނުން ކުރަން ފަށާއިރު ބަލިން ރައްކާތެރިވެވުނީ ކަމަށް ހީކޮށް ހަގީގަތުގައި ކުރަން ޖެހޭ ކަންކަމުގެ ތެރޭ ހިމެނޭ އިޖުތިމާއީ ގައިދުރުކަމާއި، އަތްދޮވުން ކަހަލަ ކަންކަމާމެދު ފަރުވާ ކުޑަކުރެވޭނެ ކަމަށެވެ.

ބޭސްވެރިކަމުގައި ބޭނުންކުރަމުން އަންނަ ގަހެއް ކަމަށްވާ އާތެމީޒިއާ އަކީ ކޮވިޑްގެ ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ގަހެއްތޯވެސް ބަލަމުން އަންނަ ކަމަށް ޑަބްލިއުއެޗްއޯގެ ބަޔާނުގައި ވެއެވެ. އެހެންނަމަަވެސް ތަހުލީލު ނުކޮށް އެއްވެސް ބޭހެއް ބޭނުން ކުރުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށް ބަޔާނުގައި ވެއެވެ. މެޑަގަސްކާއިން އުފެއްދި މި ޓޮނިކް ހެދުމަށްވެސް މިގަސް ބޭނުންކޮށްފައި ވެއެވެ.

މެޑަގަސްކާއިން ކޮވިޑަށް ފަރުވާކުރުމަށް ޓޮނިކުތަކެއް އުފައްދައި ތައާރަފުކުރި ނަމަވެސް އޭގެން ފަރުވާ ލިބޭގޮތާއި ބެހޭގޮތުން ތަފްސީލީ މާބޮޑު މައުލޫމާތެއް ދީފައެއް ނުވެއެވެ.