އައިޝަތު ރަފިއްޔާ

ރައްޔިތުން މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާ އަށް ރަފީ ވާދަ ކުރައްވަނީ

4

އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ޒުވާނުން ބާރުވެރި ކުރުމަށް ރާއްޖޭގައި އުފައްދާފައިވާ ބައިނަލް އަގުވާމީ ޖަމިއްޔާ ކަމަށްވާ ރީޖަނަލް އެލައެންސް ފޯ ފޮސްޓަރިން ޔޫތް (ރަފީ އެންޖީއޯ)ގެ ފައުންޑިން ޕްރެޒިޑެންޓް ޑރ. އައިޝަތު ރަފިއްޔާ އަންނަ މަޖިލީސް އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި އެވެ.

ރަފީ ވާދަކުރައްވަން ނިންމަވައިފައި ވަނީ މާފަންނު ހުޅަނގު ދާއިރާއަށެވެ.

ޑރ. ރަފީ މީސް މީޑިއާ މެދުވެރިކޮށް ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މި ވަގުތު ކަންކަން ހިނގަމުންދާ ގޮތާ މެދު ކަންބޮޑު ވާ ކަމަށާއި މަޖީލީހަށް ވާދަކުރައްވަން އޭނާއަށް ހުށަހަޅާފައިވާ ހުށަހެޅުން ގަބޫލު ކުރީ ރައްޔިތުންގެ ހައްގުގައި ތެދުވުމަށްޓަކައި ކަމަށެވެ.

"ކުޑަކުދިންނާއި ޒުވާނުން އަދި އަންހެނުން މި ވަނީ އެކި ކަންކަމުގެ ޝިކާރައަކަށް ވެފައި، އެކަންކަމާ މެދު ވިސްނާލާއިރު އެ ހުއްޓުވުމަށް އޮތް ހަމަ އެކަނި ފުރުސަތަކީ ރައްޔިތުންގެ ހައްގުގައި ތެދުވުން. އެހެންކަމުން މަޖިލީހަށް ވާދަ ކުރުމަށް ލިބިފައިވާ ފުރުސަތު ގަބޫލުކޮށް 2019 ވަނަ އަހަރުގެ މަޖިލީހަށް ކުރިމަތި ލާން ނިންމައިފިން" ރަފީގެ ޕޯސްޓުގައި ވެއެވެ.

"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި ރަފީ މަސައްކަތްކުރައްވަމުން ގެންދަވަނީ އެމްޑީއޭގެ ޓިކެޓުގައި ނިކުންނަވަންށެވެ.

އެމްޑީއޭ އިން ވަނީ މީގެ ކުރިން މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާއަށް އެ ޕާޓި އިން ވާދަކުރާނެ ކަމަށް އިއުލާން ކޮށްފައެެވެ. އެހެން ނަމަވެސް އަދި މިހާ ހިސާބަށް އައި އިރު އެ ޕާޓީގެ މަޖިލިސް ޓިކެޓު އެއްވެސް މީހަކަށް ދީފައެއް ނުވެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟