ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ

ކޮވިޑް 19 ދަސްކޮށްދިން އެއް ފިލާވަޅަކީ އާއިލީ ގުޅުމުގެ މުހިއްމުކަން: ޖެންޑާ މިނިސްޓަރު

އިބްރާހިމް ޒަކީ

ކޮވިޑް 19 އަޅުގަނޑުމެންނަށް ދަސްކޮށްދިން އެއް ފިލާވަޅަކީ އާއިލީ ގުޅުމުގެ މުހިއްމުކަން ކަމަށާއި، އާއިލާގެ ރައްކާތެރިކަމާއި، ދުޅަހެޔޮކަން ކަށަވަރުކުރުމުގައި އާއިލާގެ ކޮންމެ މެންބަރެއްގެވެސް މުހިއްމު ދައުރެއް އޮތްކަން ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ޖެންޑާ މިނިސްޓަރު މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުން އަންނަ ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައެވެ.

މިނިސްޓަރު އައިޝާ ވިދާޅުވީ އާއިލާގެ މެންބަރުންގެ އެކި ބޭނުންތަކަށް ފަރުވާއެއް ހޯދުމުގައި މުޅި އާއިލާ ޝާމިލްވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި އާއިލާ އާއި މުޅި މުޖްތަމައުގެ މަންފާއަށްޓަކައި އެކަކު އަނެކަކަށް އިހުތިރާމާއި، އޯގާތެރިކަމާއެކު އަޅާލައި، ޒިންމާދާރު ރައްޔިތަކަށްވާބް ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ އާއިލާތަކުގެ ދުވަސް ދިމާވެފައި މިވަނީ ވަރަށް ގިނަ އާއިލާތަކަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގައި ކަމަށެވެ.

"ކޯވިޑް 19 ގެ ސަބަބުން ގިނަ އާއިލާތަކަކަށް އެކި ކަހަލަ ދަތިތައް ތަހައްމަލުކުރަން ޖެހިފައި އޮތް މި ދަނޑިވަޅުގައި އާއިލާތަކުން ދައްކަވަމުން އަންނަ ކެތްތެރިކަމަކީ މިފުރުސަތަގައި ފާހަގަކޮށްނުލައި ދޫކޮށްލަން އަޅުގަނޑަށް ފަސޭހަކަމެއް ނޫން. ހާލަތުގެ ނާޒުކު ކަމާއެކު އާއިލާގެ މެންބަރުން އެކީގައި ގޭގައި މަޑުކުރަން ޖެހިފައި އޮތް ނަމަވެސް އެ ފުރުސަތު ފަހިވެފައި ނެތް ގިނަ އާއިލާތަކެއްވެސް އެބަ ތިބި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކޮންމެ ދުވަހަކު އާއިލާ އާއި ބައްދަލުވި ނަމަވެސް ތިމާ އާއި އާއިލާގެ ރައްކާތެރިކަމަށް ނުރައްކާ އޮތް ހިނދުވެސް ގައުމީ ހިދުމަތަށް ނުކުމެ މަސައްކަތްކުރައްވާ ފަރާތްތައް އެބަތިބި ކަމަށެވެ.

މީގެ އިތުރުން ބައްޔަށް ޕޮޒިޓިވް ވުމުގެ ސަބަބުންނާއި، ކޮންޓެކްޓް ޓްރޭސިންގް ގެ ތެރެއިން ފާހަގަކުރެވިގެން އައިސޮލޭޓްކޮށް ނުވަތަ ކޮރަންޓީން ކުރުމުގެ ސަބަބުން އާއިލާއާ ދުރުގައި ވަގުތުތައް ހޭދަކުރަން ޖެހިފައިވާ ފަރާތްތައްވެސް އެބަތިބި ކަމަށް ވިދާޅުވިއެވެ.

މި ހުރިހާ ފަރާތްތަކަށް އެފަރާތްތައް ނިސްބަތްވާ އާއިލާގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަކީ އެފަރާތްތަކަށް ސާބިތުކަމާއެކު މަސައްކަތުގައި ދެމިތިބުމަށް ލިބޭ އެންމެ ބޮޑު ހިތްވަރުކަމަށްވެސް ވިދާޅުވިއެވެ.

ގައުމުގެ މުޅި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ މަސައްކަތުގައި އެ އާއިލާތަކުން ވަމުން އަންނަ މަތިވެރި ގުރުބާނީގެ އާޚިރު ނަތީޖާއަކަށް އިރާދަކުރެއްވިއްޔާ ވާނީ ދިވެހި އެންމެހާ އާއިލާތަކަށް މި އުނދަގޫ ހާލަތުން އަރައިގަނެވި އެހުރިހާ އާއިލާތަކަށް އަލުން އުފާވެރިކަމާއެކު އުޅެވޭނެ ދުވަސްތަކެއް ފެނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެންގެ އަޒުމަކަށް ހަދަންވީ މި ކުރިމަތިވި ހާލަތާއެކު ބަދަހިކުރެވުނު އާއިލީ ގުޅުން އަބަދުވެސް އެގޮތުގައި ދެމެހެއްޓުން. މުޅި އާއިލާގެ ރައްކާތެރިކަމަށްޓަކައި ފަރުދީ ގޮތުން ރައްކާތެރިވުމަށް ކުރި މަސައްކަތް، ނިމުމެއް ނެތް މަސައްކަތެއް ކަމުގައި ހެދުން. އަދި އާއިލާގެ އެއް މެންބަރަކު އަނެއް މެންބަރަކަށް ދިން ވަގުތާއި، އެކަކު އަނެކަކަށްޓަކައި ވީ ގުރުބާނީއަކީ އެއްވެސް އިރެއްގައި މެދުކަނޑައި ނުލެވޭނެ ކަންކަންކަމުގައި ގަބޫލުކުރުން،" މިނިސްޓަރު ވިދާޅުވިއެވެ.

އާއިލާ އާއި މުޖްތަމައަކީ ގުޅި ލާމެހިފައިވާ ދެ ބަހާ ކަމަށާއި، މުޅި މުޖްތަމައުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި އާއިލާތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުން މުހިއްމުވާ ފަދައިން މުޖްތަމައުގައި ހިނގާ ކޮންމެ ކަމެއްގެ އަސަރު ވަކިވަކި އާއިލާތަކަށް ނުކޮށް ދިއުމަކީ ދުރުކަމެއް ކަން ހަނދާން ބެހެއްޓުމަށްވެސް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.

"ކަން މިހެން އޮތުމާއެކު އަޅުގަނޑުމެން ކޮންމެ ރައްޔިތަކުވެސް ގަބޫލުކުރަންވީ އެއް ހަގީގަތަކީ އަޅުގަނޑުމެންގެ ގައުމުގެ ކުރިމަގަށްޓަކައި އާއިލާއެއްގެ ތެރޭގައި އޮންނަ ގުޅުން ވަރަގަދަ ވާންޖެހޭ ކަން. މުޅި މުޖްތަމައުގެ ހެވަށްޓަކައި އާއިލީ ގުޅުންތައް ހީނަރުވެދާނެ އެއްވެސް ކަމަކަށް ޖާގަ ނުދިނުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއްކަން. އަދި، ހަމަ އެއާއެކު އާއިލާއާއި ދުރުގައި ހުރެ ގެއިން ބޭރުގައި ކުރާ ކޮންމެ އަމަލަކީވެސް ތިމާގެ އާއިލާއެކޭ އެއްފަދައިން އެހެން އާއިލާތަކަށްވެސް އޭގެ ރަނގަޅު ނުވަތަ ނުރަނގަޅު އަސަރު ކޮށްފާނެ އަމަލެއް ކަން. މި ސަބަބުތަކަށްޓަކައި އާއިލާއާއި މުޅި މުޖްތަމައުގެ މަންފާ އަށްޓަކައި އެކަކު އަނެކަކަށް އިހުތިރާމާއި، އޯގާތެރިކަމާއެކު އަޅާލައި، ޒިންމާދާރު ރައްޔިތަކަށްވުމަށް ތިޔަ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސްކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.