ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދުގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފިއެވެ.
ޕީޕީއެމްގެ ދަފްތަރުން ފަޒާދުގެ ނަން އުނިކޮށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސިޓީއެއް ފޮނުވާފައެވެ.
ފަޒާދު ޕީޕީއެމްގެ މެންބަރުކަމުން ވަކިކުރީ ރިޔާސީ ކެމްޕޭންގައި އިބްރާހީމް މުހައްމަދު ސޯލީހު (އިބޫ) އަށް ތާއީދު ކުރައްވަން ނިންމަވައި އެމަނިކުފާނުގެ ކެމްޕެއިން ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަން ފެއްޓެވުމާ ގުޅިގެންނެވެ.
ފަޒާދު ޕީޕީއެމްގެ މެންބަރުކަމުން ވަކިކުރަން މި މަހުގެ ހަ ވަނަ ދުވަހު ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ނިންމުމުގެ ކުރިން، އެކަމާ ގުޅިގެން ޖަވާބުދާރީވުމަށް އޭނާއަށް ފުރުސަތު ދިނެވެ.
ފަޒާދަކީ 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވައި ކާމިޔާބު ހޯއްދެވި ބޭފުޅެކެވެ. މިހާރު ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުން ވެސް ވަނީ ފަޒާދުގެ ނަން އުނިކޮށްފައެވެ.
ޕާޓީން ވަކިކުރުމުން މެންބަރުންގެ ގޮނޑި ގެއްލުވާލަން ފަށާފައިވަނީ އެޓާނީ ޖެނެރަލް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައަކަށްފަހު ސުޕްރީމް ކޯޓުން ކުރި ހުކުމަށްފަހުއެވެ. އޭގެފަހުން ވަނީ އެގޮތަށް ގޮނޑި ގެއްލޭނެކަން ގާނޫނެއްގައި ވެސް ކަނޑައަޅާފައެވެ.
ޕީޕީއެމް އިން ވަކިކުރުމުން ގިނަ މެމްބަރުންގެ ގޮނޑި މިހާތަނަށް ވަނީ ގެއްލިފައެވެ.