ކުއްލިއަކަށް މުޅި ދުނިޔެ ހުއްޓުވައި މިލީ ޗައިނާގެ ވުހާން ސިޓީގައި ފެތުރެން ފެށި ކުޑަ ކުޑަ ވައިރަހަކުންނެވެ. ލޮލަށް ވެސް ނުފެންނަ ކޮވިޑް 19 ގެ ނަމުން ނަންދީފައިވާ އެ ވައިރަސް މަދު ދުވަސްކޮޅެއްގެތެރޭގައި ދުނިޔޭގެ އެކި ގައުމުތަށް ފެތުރި، އެތައް މިލިއަން މީހުނަށް ބަލި ޖެހި ތިން ލައްކައަށް ވުރެ ގިނަ މީހުން ވަނީ ދުނިޔެ ދޫކޮށްފައެވެ.
އެއްވެސް ބަޔަކު ހިތަށްވެސް ނާރައި ތިއްބައި، ދުނިޔެ އޭގެ އާންމު އުސޫލުގައި ހިނގަހިނގައި އޮއްވައި، ކޮވިޑުގެ އާލަމީ ވަބާ މުޅި ދުނިޔެ ކަސްތޮޅު ކުރީ އެންމެ ދެތިންމަސްދުވަހުގެ ތެރޭގަ އެވެ. ދުނިޔޭގެ ސުޕަ ޕަވަރުތައްވެސް ގޮތް ހުސްވެ، ހަމަ ސައިޒަށް ތިރިވިއިރު، އެންމެ ބޮޑެތި އިގުތިސޯދުތައްވެސް މިވަނީ ފުނޑުފުނޑުވެފަ އެވެ. ގުޅިލާމެހިގެން ހިނގަމުން އައި ދުނިޔޭގެ އިޖުތިމާއީ ނިޒާމު އަނެއްފުށަށް ޖެހި، އެންމެން ގޭބަންދުވެ މަގުތައް ފަޅުވީ ބަލަބަލައި ތިއްބައެވެ. އެތައް މިލިޔަން ބައެއްގެ ވަޒީގާ ގެއްލި މަގުމަތިވެފައިވާ އިރު، އަދިވެސް މި އަދަދު ދާނީ މަތިވަމުން ކަމަށް އިގުތިސޯދީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ. ބަނޑުހައި ހޫނުކަމުގައި ދިރިއުޅެމުން އައި އެތައްބަޔަކު ބަނޑަށް މަރުވާނެ ކަމަށްވެސް ވަނީ ބެލެވިފަ އެވެ.
މި ހުރިހާ ހާލަތެއްގެ ދަތިކަމާއި އުނދަގޫ އެންމެ ބޮޑަށް ތަހައްމަލުކުރަން ޖެހޭ ގައުމުތަކުގެ ތެރޭގައި، ފަތުރުވެރީން ދޭ ފައިސާއަށް ގައުމު ބަރޯސާކޮށްގެން ދިރިއުޅެމުން އަންނަ އަޅުގަނޑުމެންގެ ދިވެހިރާއްޖެ ހިމެނެ އެވެ. އާބާދީގެ ނިސްބަތުންވެސް އިގުތިސޯދީ އެންމެ ބޮޑު ލޮޅުމެއް ގައުމީ ނިސްބަތުގައި އަރާނެ ގައުމުތަކުގެ އެންމެ ކުރީގައި ރާއްޖެ ހިމެނޭނެ ކަމަށް ވޯލްޑްބޭންކުން ވެސް ވަނީ ބުނެފަ އެވެ.
އެކަންކަން ރާއްޖޭން މިހާރުވެސް ދަނީ ފެންނަމުންނެވެ. ފިޔަވާރިތައް އިނދަޖެހި އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލިއްޖެ އެވެ. ބެލެވޭ ގޮތުގައި ވަޒީފާ ގެއްލޭ މީހުން އަދިވެސް ވާނީ އިތުރެވެ. ވަޒީފާގައި ތިބި މީހުންނަށް ވެސް ލިބޭ އާމްދަނީ އެތައް ތަނަކުން ކުޑަވެ ދިރިއުޅުމުގެ ޒަރޫރަތްތައް ނުފުއްދޭތަން އަތުވެއްޖެ އެވެ. އެއްބަޔަކު މަގުމަތިވެއްޖެ އެވެ. ކުލި ނުދެއްކިގެން ގެއިން ނެރެލައިފި އެވެ.
މި ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ކުރީގެ މިނިސްޓަރުންނާއި ގިނަ އާންމު ރައްޔިތުންތަކެއް ދައްކަން ފެށިވާހަކަ އަކީ އެމީހުންގެ ޕެންޝަން ފަންޑުގައި ހުރި ފައިސާއަކީ މިދަނޑިވަޅުގައި ބޭނުން ހިފޭނެ އެއްޗެއްގެ ގޮތުގައި ހަދައިދިނުމަށެވެ. އެފައިސާއަކީ އެމީހުންގެ އަމިއްލަ ހައްގެއް ކަމަށްވާއިރު، ބޮޑުކަމެއް ދިމާވާއިރު ނެގެން ޖެހޭ އެއްޗެއްކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
2009 އަހަރުގެ މޭ މަހުގެ 13 ވަނަ ދުވަހު ގެޒެޓް ކުރި ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވައި ވަނީ، ވަޒީފާ ދޭފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ކަނޑައެޅިފައިވާ ވަކި އަދަދަކަށް ފައިސާ ނަގައިގެން އެފައިސާ އިންވެސްޓުކޮށްގެން ލިބޭފައިދާއަކުން ހިންގޭ ރިޓަޔަމެންޓް ޕެންޝަން ސްކީމެއް "ދިވެހިރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސްކީމް" ގެ ނަމުގައި މިގާނޫނުގެ ދަށުން ގާއިމު ކުރެވޭނެ ކަމަށެވެ.
މިގާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުން ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން، ޕެންޝަން ލިބޭ އުމުރު ހަމަ ނުވާ ކޮންމެ މީހަކަށް މިގާނޫނުގައިވާ ގޮތުގެމަތިން ޕެންޝަން ދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ޕެންޝަން ރިޓަޔަމެންޓް ސްކީމުގައި ބައިވެރިވުމަކީ، ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމު ކަމެކެވެ. މިއާ ހިލާފު ވުމަކީ ކުށެއް ކަމަށެވެ. އުމުރުން 16 އަހަރާއި 65 އަހަރާއި ދެމެދުގެ ވަޒީފާ އަދާކުރާ އެންމެން މި ގާނޫނުގެ ދަށުން އެފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި ޕެންޝަން ފަންޑަށް ފައިސާ ނުދައްކާ މީހުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެގާނޫނުގައި ބުނެފައި ވެއެވެ. މިގާނޫނުގައި ބުނެފައިވާގޮތުން އެމީހެއްގެ ޕެންޝަން ފަންޑުގައިވާ ފައިސާ އެމީހަކަށް ލިބެނީ 65 އަހަރު ފުރުމަށްފަހު ކޮންމެ މަހަކުވެސް ޕެންޝަން އޮފީހުން ކަނޑައަޅާ މިންވަރެކެވެ.
ދިވެހިރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ތެރެއިން 65 އަހަރު ނުވި ނަމަވެސް އެފަންޑުން ގެދޮރު މަޝްރޫތަކުގެ ޑައުން ޕޭމަންޓް ދެއްކޭނެ ގޮތް ހެދުމުގެ އިތުރުން ފަރުޟު ހައްޖު އަދާކުރުމަށް އެފަންޑުގެ ފައިސާއަށް އެދެވޭނެ ގޮތަށް ވަނީ 2019 ވަނަ އަހަރު އިސްލާހެއް ގެނެސްފައެވެ.
ޕެންޝަން އޮފީހުން "ވަން" އަށް މައުލޫމާތު ދިން ގޮތުގައި، މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމަށް ޖަމާކުރާ ފައިސާ އިންވެސްޓު ކުރުމުގައި ދެޕޯޓުފޯލިއޯއެއް ޕެންޝަން އޮފީހުން ގެންގުޅެއެވެ. އެގޮތުން ރިޓަޔަމަންޓް ޕެންޝަން ސްކީމަށް ޖަމާކުރެވޭ ފައިސާ އިންވެސްޓު ކުރުމުގައި ޝަރީއާ ފަންޑަކާއި އިންވެސްޓްމަންޓް ފަންޑެއް ގާއިމު ކޮށްފައި ވެއެވެ. އެގޮތުން ޝަރީއާ ފަންޑުގައި ރަޖިސްޓްރީވާ މީހުން ޖަމާކުރާ ޕެންޝަން ފައިސާ އިންވެސްޓު ކުރެވެނީ އިސްލާމީ ޝަރީއަތާއި އެއްގޮތަށް ރިބާ ނުހިމެނޭ އިންވެސްޓްމަންޓްތަކުގައެވެ. އިންވެސްޓްމަންޓު ފަންޑުގެ މެންބަރުންގެ ފައިސާ އިންވެސްޓު ކުރެވެމުން އަންނަނީ ކޮންވެންޝަނަލް މާލީ ފައިދާ ލިބޭ އިންވެސްޓްމަންޓްތައް ކަމުގައިވާ ޓީބިލާއި، ބޮންޑާއި ބޭންކު ޑިޕޮސިޓް އަދި ކުންފުނިތަކުގެ ހިއްސާ ހިމެނޭހެން ޕެންޝަން ގާނޫނު ހުއްދަ ކުރާ ތަންތަނުގައި ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ. މިކަން މިގޮތަށް ކުރާ ސަބަބެއްކަމުގައި އެ އޮފީހުން ބުނީ ފައިސާގެ ރައްކާތެރި ކަމަށްޓަކައި އެންމެ ފައިދާ ވާގޮތެއް ބަލައި ސްކީމްގެ ބައިވެރިންނަށް އެކަށީގެންވާ ޕެންޝަނެއް ހޯދައިދިނުމެވެ.
ޕެންޝަން ފަންޑުން ފައިސާ ނުނެގޭނެ ކަމަށް ބުނާ މައްސަލައިގައި "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ދައުލަތުން ކަނޑައެޅި އުސޫލެއްގެ ދަށުން ޕެންޝަން ފަންޑުން ހައްޖަށް ދިއުމަށް ވެސް ވަކި ވަރެއް ބޭނުން ކުރުން ގާނޫނުގެ ދަށުން ހުއްދަކުރި ކަމަށެވެ. އެހެންކަމުން އިސްލާމީ ޝަރީއާގެ އެންމެ މަތީ މަގުސަދުތަކުގެ އަލީގައި މިހާރު މިއޮތް ހާލަތުގައި ޕެންޝަން ފަންޑުން ވަކި އުސޫލެއްގެ ދަށުން ރައްޔިތުންނަށް ވަކި ވަރެއް ބޭނުންކުރެވޭ ގޮތް ހެދުން ހައްޖަށް ދިއުމަށްވުރެ މާ އައުލާކަން ބޮޑު ކަމަށެވެ. ސަބަބަބެއް ކަމަށް ޑރ. ޝަހީމް ވިދާޅުވީ މީހުންނަށް މިވަނީ ދިރިއުޅުމަށް ބޭނުންވާ އެންމެ ޒަރޫރީ ކަންކަން ކުރުމަށް ދަތިވެފައި ކަމަށާއި އެތައް ބައެއްގެ ވަޒީފާ ވަނީ ގެއްލި އާއިލާތައް ވަނީ ބިކަވެފައި ކަމަށެވެ. އެހެންކަމުން މީސްތަކުންގެ ފުރާނަ ރައްކާކުރުމަކީ މާ އައުލާކަން ބޮޑު ކަމެއް ކަމަށެވެ. އަދި ހައްޖަށް ދިއުމަކީ ކުޅަދާނަކަން ލިބިގެންވާ މީހާއަށް އޮތް ކަމެއް ކަމުން ކުޅަދާނަކަން ނެތް ނަމަ، ހައްޖަށް ނުދިއުމަކުން ފާފަވެރިއެއްނުވާނެ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
"އެހެންކަމުން އަޅުގަނޑު ދަންނަވާނީ އިސްލާމީ ޝަރުއީ މަގުސަދުތަކުގެ އަލީގައި، މިހާރު މިއޮތް ދަތި ހާލަތުގައި ޕެންޝަން ފަންޑުން ގާނޫނީ އުސޫލެއްގެ ދަށުން އެހީވުމަކީ ބޭނުންތެރިކަމެއްކަން. މާ އައުލާވެގެންވާ ކަމެއްކަން. ޕެންޝަން ފަންޑުގައި ހުރީ އެ ރައްޔިތުންގެ ހައްގެއް. އަޅުގަނޑަށް ފެންނަ ގޮތުގައި އަޅުކަމަކަށް ހަރަދުކުރެވޭ ފަދައިން ސަލާމަތުން ހެޔޮ ހާލުގައި، އަދި އިންސާނާއަށް ބޭނުންވާ އެންމެ ޒަރޫރީ ކަންކަން ފުއްދުމަށާއި ސަލާމަތުން ދިރިތިބުމަށާއި ބަލި މަޑުކަމުގެ ހާލަތުގައި ކަންކަން ނިޔާކުރާގޮތުން ހަރަދުކުރެވެން ޖެހޭ. އަދި ރައްޔިތުންގެ ފައިސާ ހުރެމެ، އިތުރު ދަރަނިވެރިކަމެއްގެ ތެރެއަށް ރައްޔިތުން ވެއްޓެން ދޫކޮށްލުމަކީ ވެސް އަޅުގަނޑުގެ ނަޒަރުގައި އަދުލުވެރިގޮތެއް ނޫން. މިއާއެކު ދަންނަވާނީ މިހުރިހާކަމެއް ވެސް ގާނޫނީ ގޮތުން ކުރާނަމަ، ކުރެވެން ވާނީ މުޅި ދައުލަތަށް އާންމުވެގެންވާ ގެއްލުމެއް ކުރިމަތިނުވާނޭ ގޮތެއްގެ މަތިން" ޑރ ޝަހީމް ވިދާޅުވިއެވެ.
ޕެންޝަން ފަންޑުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އުޝާމް ވިދާޅުވީ ޓީބިލް/ބޮންޑް ވިއްކައިގެން ބަޖެޓް ޑެފިސިޓް ފައިނޭންސްކުރުމަކީ ހުރިހާ ސަރުކާރަކުންވެސް ކުރާކަމެއް ކަމަށެވެ. އެގޮތުން މިހާތަނަށް ގާތްގަޑަކަށް 14 ބިލިއަން ރުފިޔާ އެކި ކަންކަމަށް ފަންޑުން އިންވެސްޓްކޮށްފަވާއިރު، މިހާލަތުގައި ޕެންޝަން ފަންޑުން ފައިސާނެގުމަކީ ކުރެވިދާނެ ކަމެއްތޯ އޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ.
އުޝާމްގެ މި ޓްވީޓަށް ރައްދު ދެއްވައި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒް މުހުސިން ވިދާޅުވީ "ފައިސާ ނުނެގޭނެކަން އެނގިލައްވާނެ ކަމަށް. އަދި އަސާސީ ޕެންޝަން ސްކީމާއި އޭގެ މަގުސަދުތައް އޮޅުން ފިލާނެ ކަމަށް ބުރަ ވެވެނީ. ހަގީގަތް އެނގި ތިއްބަވައިގެން މެންބަރުންނާއި ސިޔާސީ ފަރާތްތައް މި ސްކީމުގެ މަގުސަދުތަކާއި ދިމާ އިދިކޮޅަށް ވާހަކަފުޅުތައް ދައްކަވާކަމީ ދެރަވަރުކަމެއް." ކަމަށެވެ.
ޕެންޝަން ފަންޑުން ފައިސާ ނެގޭނެ ގޮތެއް ގާނޫނަކުން ކަނޑައަޅަން ހިމަނައިގެން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބިލު މަޖިލީހަށް ހުށަނޭޅޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވައިފައެވެ.
މިމައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެކި ކަންތައްތަކަށް ފައިސާ ނަގަން ޕެންޝަން ފަންޑުގައި އަތްލައިފިނަމަ މުޅި ގައުމުގެ މާޒީ ދިޔައީ ކަމަށެވެ. ނަޝީދު މިހެން ވިދާޅުވެފައިވާއިރު ސަރުކާރު ހިންގާ ޕާޓީގެ ބައެއް މެންބަރުން ވެސް ވަނީ ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތަށް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު، މުހައްމަދު ވިސާމް ވިދާޅުވީ ޕެންޝަން ސްކީމާއި ޒަކާތު ފަންޑުގައި ހުރި ފައިސާ އާންމު ރައްޔިތުންނަށް ލިބޭނެ ގޮތަށް މިހާލަތުގައި ކަންކަން ބައްޓަން ކުރަން ޖެހޭ ކަމަށެވެ.
އެހެން ނަމަވެސް، ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށާއި ބަލާނީ އެހެން ގޮތްގޮތުން އެހީވެވޭތޯ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ ވިދާޅުވެފައެވެ.
މިހުރިހާ ކަމަކަށް ބަލާއިރު މިއަދުގެ މިހާލަތަކީ ކުރިން އައިސްދާނެ ކަމަށް އެއްވެސް ބަޔަކު އުންމީދުވެސް ކުރި ހާލަތެއް ނޫނެވެ. ރައްޔިތުންގެ އަމިއްލަ މަސައްކަތުން އެއްކޮށްފައިވާ ފައިސާއެއް ވާނަމަ މިހާލަތުގައި އެމީހުންނަށް އޭގެން ކޮންމެވެސް މިންވަރެއް ބޭނުން ކުރެވޭނެ އުސޫލެއް ހަދަންޖެހޭ ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ. އަދި މިހާލަތުގައި އެމީހުންނަށް ލޯން ދިނުމުގެ ބަދަލުގައި އިތުރު ތަކުލީފެއް ދިނުމަކާއި ނުލައި އެމީހުން އެއްކުރި ފައިސާ ބޭނުން ކުރެވޭނެ ގޮތެއް ހެދުމުގެ ވިސްނުން ސަރުކާރުން ގެންގުޅެން ޖެހޭކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެފައިސާ އަކީ ރައްޔިތުންގެ ފައިސާއެވެ. ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދައިގެން، ހަމަ ނޭވާލައިގެން ދިރިތިބޭން އިތުރު ލޯނުތަކެއް ނެގުމަށްވުރެ ކޮންމެ މީހަކަށްވެސް ރަނގަޅު ގޮތަކަށް ވާނީ، ޕެންޝަން ފަންޑުން ކޮންމެވެސް މިންވަރެއް ލިބޭނެ އުސޫލެއްގެ ތެރޭން އެކަން ހަމަޖެހިގެން ދިއުމެވެ. އެއީ ފަންޑުގައި ހުރި ހުރިހާ ފައިސާއަށް ވާކަށްވެސް ނުޖެހެ އެވެ. އެންމެ ޒަރޫރީ ބޭނުމަށް ކަނޑައެޅޭ މިންވަރެއް ލިބޭނެ ގޮތެއް ހެދުމުން ދައުލަތަށްވެސް ބޮލުގައި އަޅަން ޖެހޭ ދަރަނި ކުޑަވެ، ރައްޔިތުންވެސް ނަގަން ޖެހޭ ލޯނުގެ އަދަދު މަދުވާނެ އެވެ.