ވިޔަފާރި

އެމްއެޗްއޭގެ ފިހާރަތައް މިމަހުގެ 16 ވަނަ ދުވަހާއި ހަމަޔަށް ބަންދުކޮށްފި

އައިދާ އަބްދުލް ހަކީމް

އެމްއެޗްއޭގެ ފިހާރަތަކާއި ވިޔަފާރި ހުރިހާ އޮޕަރޭޝަންތައް މިމަހުގެ 16 ވަނަ ދުވަހާއި ހަމަޔަށް ހުއްޓާލަން ނިންމައިފި އެވެ.

އެމްއެޗްއޭއިން ކުރި ޓުވީޓެއްގައި ބުނީ އެކުންފުނީގެ ޗެއާމަން މަރޮށި ހުސެއިން އަބުދުއްﷲ ކޮވިޑް ބަލީގައި އަވަހާރަވެފައިވާތީ އެކަމާއި ގުޅިގެން އެމްއެޗްއޭގެ ފިހާރަތަކާއި ވިޔަފާރީގެ ހުރިހާ އޮޕަރޭޝަންތައް ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

ނަމަވެސް މިމަހުގެ 16 ވަނަ ދުވަހު އަނެއްކާ ވެސް ވިޔަފާރި އޮޕަރޭޝަންތައް ކުރީގައި ދެމުން އައި ގޮތަށް ފެށުމަށް ހަމަޖައްސާފައިވާ ކަމަށް އެމްއެޗްއޭ އިން ބުނެއެވެ.

ހުސައިން އަބްދުﷲ އަކީ ކޮވިޑް ޖެހިގެން ރާއްޖެއިން އެންމެ ފުރަތަމަ ނިޔާވި އާމިނަތު އާދަމް، 83ގެ ފިރިމީހާ އެވެ.

މަރޮށީ ހުސައިން އަބްދުﷲ ނުވަތަ މަރޮށީ ހުސައިން ކަލޭފާނަށް ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް އަރުވާފައިވަނީ 2011 ވަނަ އަހަރުއެވެ. ޖަމާއަތަށް ފައިދާހުރި ހާއްސަ ހިދުމަތް ކުރެއްވުމުގެ ރޮނގުން 1992 ވަނަ އަހަރު ހުސައިން އަބްދުﷲ އަށް ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، ސަރުކާރުން އަރުވައިފައެވެ. އަދި އޭގެ 13 އަހަރު ދުވަސްފަހުން، 2005 ވަނަ އަހަރު މިރޮނގުން ޝަރަފުވެރިކަމުގެ އިނާމުވެސް އެމަނިކުފާނަށް ސަރުކާރުން ވަނީ އަރުވައިފައެވެ.