އިނގިރޭސި ޝާހީ އާއިލާއަކީ ގިނަ ފެޝަން ގަވައިދުތަކެއް ގެންގުޅޭ ބައެކެވެ. އެ އާއިލާއިން ގަބޫލު ކުރާ ގޮތުގައި މޮނާޗީ ދެމެހެއްޓުމަށް ޓަކައި ކަނޑައެޅިފައިވާ ގަވާއިދުތައް ދެމެހެއްޓުން މުހިއްމެވެ.
އެންމެ ފަހުން ޝާހީ އާއިލާއަށް ގުޅުނު މޭގަން މާކަލް މި ވަނީ އެ އާއިލާގެ ފެޝަން ގަވާއިދަކާ ޚިލާފުވެފައި ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ވާހަކަ ދައްކަމުންނެވެ.
ރިބެލްއެއްގެ ގޮތުގައި ލޭބަލް ވެފައިވާ މޭގަން ވަނީ މީގެ ދެދުވަސް ކުރިން ބްރިޓިޝް ފެޝަން އެވޯޑު ހަފްލާގައި ބައިވެރިވެފައެވެ. މި ހަފްލާގައި މޭގަން ބައިވެރިވުންވެސް ވެގެން ގޮސްފައިވަނީ ބޮޑު ސަޕްރައިޒް އަކަށެވެ. މޭގަން ފެނިގެން ދިޔައީ ސްޓޭޖުގައި އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ކްލެއާ ވެއިޓް ކެލާއަށް ވުމަންސްވެއާ ޑިޒައިނާ އޮފް ދަ އިޔާ އެވޯޑު ހަވާލުކޮށްދޭން އެރިތަނާއެވެ. މި އީ ކްލެއާއަށް ވެސް ކުރިން ނޭނގި އޮތް ކަމެކެވެ.
ކްލެއާ ބުނީ މީގެ ހަފްތާއެއް ކުރިން އެދެމީހުން ބައްދަލު ވި ކަމަށާއި، މޭގަން ލާފައިވާ ހެދުންވެސް ފިޓް ކުރީ ކްލެއާއާ އެކު ކަމަށެވެ. އަދި އޭރުވެސް މި ހަފްލާއަށް އަންނަކަން މޭގަން އޭނާ ގާތު ނުބުނާ ކަމަށްވެއެވެ.
މޭގަން ވަނީ ކްލެއާއަށް ނިސްބަތް ކޮށް ސްޕީޗެއްވެސް ދީފައެވެ. ކޮންމެ އަކަސް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ މޭގަން ހަފްލާގައި ބައިވެރި ވުމެއް ނޫނެވެ. އަދި ދިން ސްޕީޗެއްވެސް ނޫނެވެ. މޭގަން ލާފައިވާ ކަޅު ގައުންއެއް ވެސް ނޫނެވެ. އޭނާގެ ޕްްރެގްނެންސީ ގްލޯ އެއްވެސް ނޫނެވެ.
އެންމެންގެ ލޮލުގައި އަޅައިގަތީ އޭނާގެ ނިޔަފަތީގައި ޖައްސާފައިވާ ބާގަންޑީ ކުލަ އެވެ.
ނިޔަފަތީގައި ގަދަ ކުލަތައް ޖެއްސުމަކީ ޝާހީ އާއިލާގައި މަނާ ކަމެކެވެ. ރާނީ ކުއީން އެލިޒަބެތް ގަބޫލު ކުރާ ގޮތުގައި ކުލަ ކުލައިގައި ހުންނަ ނިޔަފައްޗަކީ ފޭކެކެވެ. މިއީ އެއްގޮތަކަށްވެސް ރާނީ ހިތްހަމަޖެހޭ ކަމެއް ނޫނެވެ.
ޕްރިންސް ހެރީއާ އެންގޭޖްވުމަށް ފަހު މޭގަން ވަނީ މި ރޫލް ފޮލޯވެސް ކޮށްފައެވެ. ކައިވެނި ހަފްލާ އާއި އޭގެ ފަހުން އައި އެތައް ހަފްލާ ތަކެއްގައި އޭނާގެ ނިޔަފަތީގައި ޖައްސާފައި ހުންނަތަން ފެންނަނީ ނޫޑް ކުލަތަކެވެ.
އެހެން ކަމުން މޭގަން މި ޖެއްސި ބާގަންޑީ ކުލަވެގެން މި ދިޔައީ ވަރަށް ބޮޑު ރޯޔަލް ޕްރޮޓޮކޯލް ބޭރެކެއްގެ ގޮތުގައި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ދެން ރާނީ މިއަށް ދޭނެ އިންޒާރެއް ހަމަ އެއްގޮތަކަށްވެސް ނޭނގެއެވެ.