އަލީ ޔާމިން
ކޮވިޑުގެ ސަބަބުން ހުރިހާ ސިފައިންވެސް މިވަގުތު ތިބީ އެލާޓްގައި ކަމަށާއި، މިހާލަތާއި ގުޅިގެން ރައްޔިތުންނާއި ގައުމު ރައްކާތެރި ކުރެވޭނެ ވަރަށް ސިފައިން އެބަތިބި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީއަށް ރޭ ދެއްވި އިންޓަވިޔުއެއްގައި މިނިސްޓަރު މާރިޔާ ވިދާޅުވީ، މިހާލަތާއި ގުޅިގެން އެކިއެކި އެޖެންސީތަކުގައި 1398 ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، އޭގެ ތެރެއިން ގިނަ އަދަދެއްގެ ސިފައިންނަކީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިފައިން ކަމަށެވެ. ނަމަވެސް ފްރަންޓްލައިންގައި ހަރަކާތްތެރިވާ ސިފައިންގެ ސީދާ އަދަދެއް ވިދާޅެއް ނުވެއެވެ.
"ރައްޔިތުން ރައްކާތެރިކޮށް ބެލެހެއްޓޭވަރަށް ސިފައިން އެބަތިބި. އެމީހުން ތިބީވެސް ވަރަށް ބޮޑަށް އެލާޓުގައި. ލޮކްޑައުންއަށް އައިފަހުން އެމީހުން އެތިބެނީ ހަމަ ހެޑްކުއާޓާސް ތެރޭގައި އެއްވެސް ކަހަލަގެ ވަގުތެއްގައި ކަމެއް ދިމާވިޔަސް އެޓެންޑު ވެވޭ ގޮތަށް" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ސިފައިންގެ ތެރެއިން ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވި ނަމަވެސް ސިފައިންގެ ހިދުމަތަށް އެއްވެސް ދަތިކަމެއް ނާންނާނެ ކަމަށާއި، ޕޮޒިޓިވް ވި ސިފައިން ރިޕްލޭސް ކުރެވޭ ވަރަށް ސިފައިން އެބަތިބި ކަމަށެވެ. އަދި ސިފައިންގެ ތެރޭގައިވެސް މަސައްކަތްކުރެވެމުން އަންނަނީ ހާއްސަ އެސްއޯޕީއަކާ އެއްގޮތަށް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ހަރުކަށި ފިކުރުގެ ނުރައްކަލަކީވެސް ބޮޑު ނުރައްކަލެއް ކަމަށާއި، ނަމަވެސް ސިފައިންނާއި ފުލުހުން ތިބީ އެފަދަ ފަރާތްތަކުގެ ރޭވުންތައް ހުއްޓުވައި، ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް ކަމަރުބަނދެގެން ކަމަށެވެ.