އިންޑިއާ

އިންޑިއާގެ އަންހެނަކު ވިހެއުމަށްފަހު 160 ކިލޯމީޓަރަށް ހިނގައިފި

މިންހާ ފާއިޒް ރަޝާދު

އިންޑިއާގައި މާބަނޑު އަންހެނަކު ހިނގާފައި ދަނިކޮށް ވިހެއުމުން، އެދަރިފުޅު ގޮވައިގެން އަނެއްކާވެސް އިތުރު 160 ކިލޯމީޓަރު ހިނގައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެއަންހެން މީހާ، ފިރިމީހާ އާއި ހަތަރު ދަރިންނާއެކު ފައިމަގުގައި ދިޔައީ މަހާރާޝްތުރާގެ ނާޝިކް ސިޓީން މަދްޔާ ޕްރަދޭޝްގެ އަވަށެއް ކަމަށްވާ ސަތުނާއަށް ދިއުމަށެވެ. ހިނގާފައި ދިޔަ މަގުމަތީގައި ބަނޑަށް ތަދުވެ، ތަނަކަށް މަޑުކޮށް ވިހާފައިވާ ކަމަށާއި އެޔަށްފަހު ވިހޭ ދަރިފުޅާއި އާއިލާއާއެކު އަނެއްކާވެސް ހިނގަން ފެށި ކަމަށެވެ. އޭނާ ހިފަހައްޓާފައިވަނީ މަދްޔާ ޕްރަދޭޝްގެ ޗެކް ޕޮއިންޓުގެ އޮފިޝަލެއް ކަމަށްވާ ކަވީތާ ކަނޭޝްއެވެ.

"ވިހެއުމަށްފަހު އޭނާ ރެސްޓުކޮށްފައިވަނީ އެއްގަޑިއިރު ނުވަތަ ދެގަޑިއިރު ވަރު ކަމަށް ވަނީ. އެ އާއިލާއަތުގަ ފައިސާއެއް ނެތް. ދަތުރު ކުރަން އެހެން ޓްރާސްޕޯޓެއް ނެތް. އެއްވެސް ބަޔަކު އެމީހުނަށް އެހީއެއް ނުވޭ" މީޑިއާއަށް އެވާހަކަތައް ކިޔައިދެމުން ކަވީތާ ބުންޏެވެ.

ކަވީތާ އިތުރަށް ބުނީ އެކުއްޖާ ވިހާފައިވަނީ މެއި ފަހެއްގައި ކަމަށާއި ޗެކްޕޮއިންޓާ ހަމަޔަށް އެމީހުނަށް ދެވުނީ އޭގެ ހަތަރު ދުވަސް ފަހުން ކަމަށެވެ. އެމީހުން ނާޝިކް ދޫކޮށް ދަތުރު ފެށީ އެތާ އުޅޭނެ ގޮތެއް ނެތުމުންނާއި ކޮވިޑު19ގެ ސަބަބުން އެއްވެސް ގޮތަކަށް ފައިސާ ނުލިބޭތީ ކަމަށްވެސް ކަވީތާ ބުންޏެވެ.

ކަވީތާ ވަނީ އެއަންހެން މީހާ ކަރަންޓީނު ފެސިލިޓީއަކަށް ގެންގޮސް އޭނާއަށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ.

ކޮވިޑު19ގެ ސަބަބުން އިންޑިއާގެ ބޮޑެތި ސިޓީތަކުގައި ދިރިއުޅޭ އެތައް ބަޔަކަށް އާމްދަނީ ލިބުން ހުއްޓިފައިވުމުން އެމީހުންގެ އަވަށްތަކަށް ބަދަލުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ޕަބްލިކް ޓްރާސްޕޯޓު ހުއްޓާލާފައިވުމުން ގިނަ މީހުން މި ދަތުރުތައް ކުރަނީ ފައިމަގުގައެވެ.

އިންޑިއާގައި މިހާތަނަށް 78000އަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 2551 މީހަކު ވަނީ މަރުފެވައެވެ.