ޑެޕިއުޓީ ކޮމިޝަނަރު ކަމުގެ މަގާމަށް ޕްރޮމޯޓުކޮށް އެކްޓިން ޕޮލިސް ކޮމިޝަނަރުކަން މުހައްމަދު ހަމީދު (އެމްސީ ހަމީދު) ހަމަޖައްސަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހީމް ހޫދު ވަނީ ދާދި ދެންމެ އެކަން "ވަން އޮންލައިން" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
ފުލުހުންގެ ސިއްރުތަކެއް ލީކުކުރި ކަމުގެ ތުހުމަތުގައި އެމްސީ ހަމީދު ވަޒީފާއިން ވަކިކޮށްފައިވަނީ 2012 ވަނަ އަހަރުގެ އޯގަސްޓު މަހުއެވެ. ހަމީދު ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެ މައްސަލަ ހަމީދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ އޭނާއަށް އަލުން ވަޒީފާ ދިނުމަށެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ހުކުމްކޮށްފައި ވަނީ ހަމީދު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށެވެ.
އެހެން ނަމަވެސް ސުޕްރީމް ކޯޓުން މި މަހުގެ ދެވަނަ ދުވަހު އަނެއްކާވެސް ވަނީ ހަމީދު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ނޫން ކަމަށް ހުކުމްކޮށްފަ އެވެ. ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ހަމީދު ވަޒީފާއިން ވަކި ކުރި ދުވަހުން ފެށިގެން ވަޒީފާ ދިނުމާ ހަމައަށް އޭނާގެ މުސާރަ އާއި އިނާޔަތް ވެސް ދޭން ޖެހޭނެ ކަމަށެވެ.
އޭގެ އިތުރުން ހަމީދު ވަޒީފާއިން ވަކި ކުރި އިރު ހުރި ފެންވަރުގެ ވަޒީފާއެއް އޭނާއަށް އަލުން ދިނުމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ. ސުޕްރީމް ކޯޓުގެ އެ ހުކުމާ ގުޅިގެން ހަމްދޫން އަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ކަމުގެ މަގާމުދެއްވީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
އޭސީޕީ ކަމަށް ހަމީދު އައްޔަން ކުރި އިރު ވެސް އޭނާއަށް ޕޮލިސް ކޮމިޝަނަރުކަން ދޭން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތިރިފަ އެވެ.