ޓެކްނޮލޮޖީ

ޓުވީޓާ: ކޮވިޑަށް ފަހުވެސް ގޭގައި ތިބެގެން މަސައްކަތްކުރަން ބޭނުންވާ މުވައްޒަފުންނަށް އެފުުސަތު އޮންނާނެ

މުހައްމަދު އައުޒަމް

ކޮވިޑްގެ ކަންތައްތައް ނިމުނަސް ޓުވިޓާގެ މުވައްޒަފުން ދެން މަސައްކަތް ކުރާނީ ގޭގައި ކަމަށް އެކުންފުނިން ބުނެފިއެވެ.

ކޮވިޑްގެ ބިރުވެރިކަމާއެކު ދުނިޔޭގެ ގިނަގައުމުތައް ބަންދުކުރާން ޖެހުމުން އެތައް ކުންފުނިތަކަކުން ގޭގައި މަސައްކަތް ކުރުމަށް ބާރުއެޅިއެވެ. އޮންލައިންކޮށް އެތައް މަސައްކަތްތަކެއް ފަށަން ޖެހުނެވެ.

ޓުވިޓާއިންވެސް ވަނީ އެކުންފުނީގެ ހުރިހާ އޮފީސްތައް ބަންދުކުރުމަށްފަހު މުވައްޒަފުން ގޭގައި މަސައްކަތް ކުރުމަށް އަންގާފައެވެ. ލޮކްޑައުން އުވާލައި ގިނަ އޮފީސްތަކެއް މިހާރު ހުޅުވާލައިފައިވީ ނަމަވެސް ޓުވިޓާއިން ނިންމާފައިވަނީ ގޭގައި މަސައްކަތް ކުރަން ބޭނުންވާ މުވައްޒަފުން ގޭގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައެވެ.

ޓުވިޓާއިން ބުނީ މިދިޔަ މަސްތަކުގައި މުވައްޒަފުން ތިބެގެން ކުރި މަސައްކަތް މާ ފުރިހަމަ ކަމަށެވެ. ނަމަވެސް ބައެއް މުވައްޒަފުންނަށް ގޭގައި މަސައްކަތް ކުރަން ބުރަ ކަމާއި ގޭގެ މާހައުލުގެ އުނދަގޫތަކުގެ ޝަކުވާތައް ލިބިފައިވާކަމަށް އެކުންފުނިން ބުނެއެވެ. އެހެން ކަމުން ގޭގައި މަސައްކަތްކުރަން ބޭނުން ނުވާ މުވައްޒަފުންނަށް އޮފީހުގައި މަސައްކަތްކުރާން ފުރުސަތު ދޭނެ ކަމަށްވެސް ޓުވީޓާއިން ބުނެއެވެ.

ޓުވީޓާގެ އެކި އޮފީސްތަކުން 4000 އަށްވުރެ ގިނަ މުވައްޒަފުންނަށް ގޭގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައި ވެއެވެ.

މިމަހުގެ ކުރީކޮޅު ފޭސްބުކް އަދި ގޫގުލް އިންވެސް ވަނީ އެކުންފުނީގެ މުވައްޒަފުންނަށް މިއަހަރު ނިމެންދެން ގޭގައި މަސައްކަތް ކުރެވޭނެކަމަށް ވަނީ އަންގައިފައެވެ.