ވިޔަފާރި

މޯލްޑިވިއަން އިން ރާއްޖެއަށް ރިކޯޑު އަދަދަކަށް ކާގޯ ގެނެސްފި

މަރިޔަމް ޝަހުދާ

މޯލްޑިވިއަން އިން މިހާތަނަށް އެއްފަހަރާ ގެނައި އެންމެ ގިނަ ކާގޯ ރާއްޖެއަށް ގެނެސްފި ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

މޯލްޑިވިއަންގެ ޕީއާރު އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ބޯޓު އިއްޔެގެ ވަގުތެއްގައި ރާއްޖެ އައިސްފައިވާ ކަމަށެވެ.

މި ބޯޓުގައި 20310 ކިލޯގެ ޕެރިޝަބަލް ގުޑްސް (އަވަހަށް ހަލާކުވާ ޒާތުގެ މުދާ) ރާއްޖެ ގެނައިކަމަށް މޯލްޑިވިއަން އިން މައުލޫމާތު ދެއެވެ. މިއީ ރިކޯޑު އަދަދެއް ކަމަށް ވެސް މޯލްޑިވިއަން އިން ބުނެއެވެ.

މޯލްޑިވިއަންގެ މި ބޯޓު ރާއްޖެ އައިސްފައިވަނީ އިންޑިއާގެ ޓްރެވެންޑްރަމުންނެވެ. މޯލްޑިވިއަންގެ ޓީމުން ކެނޑިނޭޅި މަސައްކަތް ކުރަނީ އެކި ގައުމުތަކުން ރާއްޖެއަށް ގެންނަ މުދާ، ހުއްޓުމެއްނެތި ރާއްޖެއަށް ގެނެސްދިނުމުގެ މަސައްކަތް ކުރުމަށް ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

މީގެ ކުރިން މޯލްޑިވިއަންއިން އެއްފަހަރާ އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ކާގޯ އެތެރެކޮށްފައިވަނީ 18801 ކިލޯގެ މުދަލެވެ. އެފަހަރުވެސް މުދާ ގެނެސްފައިވަނީ އިންޑިއާއިންނެވެ.

ކޮވިޑް 19 އާ ގުޅިގެން ގައުމަށް ދިމާވެފައިވާ މިދަތި އުނދަގޫ ވަގުތުގައި ރައްޔިތުންނަށް ބޭނުންވާ މުދާ ފޯރުކޮށްދިނުމުގައި އެއެއާލައިނުން ވިޔަފާރިވެރިންނާއި އެކު މަސައްކަތް ކުރުމުގައި ދެމިތިބޭނެކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

ރާއްޖެ ލޮކްޑައުންކޮށް ބޯޑަރުތައް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި ރާއްޖެއަށް ބޭނުންވާ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ގެނައުމުގައި މޯލްޑިވިއަން އިން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.