ރައްޔިތުންގެ މަޖިލިސް

ކުލިނުދެއްކިގެން މަގުމަތިވިޔަ ނުދިނުމަށް ފިޔަވަޅުއަޅައި، އިހާނެތިކޮށް ހިތާ ފަރާތްތައް ޖޫރިމަނާކުރަން ރިޕޯޓް ފާސްކޮށްފި

އިބްރާހިމް ޒަކީ

ކޮވިޑް 19ގެ ސަބަބުން ގެއްލުންވި ކުންފުނިތަކަށް ސަރުކާރުން ދޫކުރާ ރިލީފް ޕެކޭޖުގެ އެހީ ލިބޭ ކުންފުނިތަކުން މުވައްޒަފުންނަށް އިހާނެތިކޮށް ކަންތައްކުރާ ނަމަ، ދޫކުރާ ލޯނު ފައިސާގެ ވަކި ޕަސެންޓެއް ޖޫރިމަނާގެ ގޮތުގައި ނަގަން، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ސަރުކާރަށް ހުށަހަޅަން ހިމަނައިގެން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ ރިޕޯޓް ފާސްކޮށްފިއެވެ.

މިއީ ކޮވިޑް 19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމާ މެދު ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އިޖުތިމާއީ ކޮމިޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންތައްތައް ދިރާސާކޮށް، އެދާއިރާއިން ސަރުކާރުން ކަންތައްތައް ކުރިޔަށްގެންދަން ކޮމިޓީން ދެކޭގޮތް ހިމަނައިގެން އެކުލަވާލާފައިވާ ރިޕޯޓެކެވެ.

މި ރިޕޯޓްގައި ކޮމިޓީގެ ރެކޮމަންޑޭޝަންތަކުގެ ގޮތުގައި ހަ ކަމެއް ވަނީ ފާހަގަ ކޮށްފައެވެ.

އެގޮތުން މޮރޮޓޯރިއަމް ޕެކޭޖް ދިނުމަށް ފަހު، އެފަރާތްތަކުން އަމަލުކުރާ ގޮތް މާލެ އާއި އަތޮޅުތެރޭގައިވާ ޖޮބް ސެންޓަރުތައް މެދުވެރިކޮށް ބަލަމުންގެންދަން ޖެހޭނެ ކަމަށް ހިމަނާފައި ވެއެވެ. އަދި އަމިއްލަ ފަރުދުންނަށާއި ސަރުކާރަށް ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓްތަކުންނާއި ގެތަކުން ކުލި ކުޑަވާން ޖެހޭ ކަމަށާއި، އެފަދަ ބަދަލެއް އަންނާނެ ގޮތް ތަކަކަށް ލުއި ދިނުމަށްވެސް ރިޕޯޓްގައި ހުށަޅާފައި ވެއެވެ.

މޮރިޓޯރިއަމް ޕެކޭޖް ދިނުމަށްފަހު، އެފަރާތްތަކުން އަމަލުކުރާ ގޮތް މާލެ އާއި އަތޮޅުތެރޭގައިވާ ޖޮބް ސެންޓަރުތައް މެދުވެރިކޮށް ބަލަމުންގެންދިއުމަށާއި، ސްކޫލްތައް ބަންދުވެފައިވާ ހާލަތުގައި މެދުކެނޑުމެއްނެތި ތައުލީމުގެ ފުރުސަތު ކަށަވަރުކޮށްދިނުމަށް ޓަކައި މިހާލަތާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ތައާރަފުކޮށްފައިވާ އޮން-ލައިން ޕޮރޮގްރާމްތަކާއި 'ޓެލެކްލާސް' ކުރިޔަށް ގެންދިޔުމަށްވެސް ހިމަނާފައި ވެއެވެ. އަދި މާލެ އާއި އަތޮޅުތެރޭގައި ދިރިއުޅޭ ހުރިހާ ކުދިންނަށް ތަފާތު ކުރުމެއްނެތި މިފުރުސަތު ފަހިކޮށްދިނުމަށް ޓަކައި ސްކޫލް ކުދިންނަށް ހާއްސަ އިންޓަނެޓް ޕެކޭޖްތަކެއް، އެހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިއުމަށްވެސް ހިމަނާފައި ވެއެވެ.

ކޮވިޑް 19 ގެ ފުރަބަންދުގައިވާ ހާލަތުގައި، އަދި "ހާއްސަކޮށް މުޖުތަމައުގައި ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި ކުއްޔަށް ދިރިއުޅެމުން އަންނަ ފަރާތްތަކުގެ ތެރެއިން ހާލުގައި ޖެހި ކުލިދެއްކުމަށް ނުކުޅެދޭ ފަރާތްތައް މަގުމަތިވިޔަނުދިނުމަށް ޓަކައި ސަރުކާރާއި ސިޓީ ކައުންސިލްތައް، އަދި ރަށު ކައުންސިލްތައް މެދުވެރިކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް؛" ވެސް ހިމަނާފައި ވެއެވެ.

އެޗްޕިީއޭގެ އިރުޝާދުގެ ދަށުންމެނުވީ މިސްކިތްތަކާއި ޕާކުތައް ފަދަ އާންމުން އެއްވާ ތަންތަން، އާންމު ބޭނުންތަކަށް ހުޅުވައި ނުލުމަށްވެސް އެ ރިޕޯޓްގައި ހިމަނާފައި ވެއެވެ.

ކޮމިޓީ ރިޕޯޓުގައި ބުނެފައިވަނީ ކޮމިޓީގެ އެ ހުށަހެޅުންތަކުގެ އަމާޒަކީ، ކޮވިޑާ ގުޅިގެން ތައާރަފު ކުރާ މޮރޮޓޯރިއަމް ފެކޭޖުތަކަކީ، އިގުތިސާދަށް ހެޔޮ ބަދަލެއް އަންނާނެ ފަދަ ގޮތަކަށް ބައްޓަން ވެފައިވާ ޕެކޭޖުތަކަކަށް ވުމުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މި ހާލަތުން އަރައިގަތުމަށް އެހީތެރިކަން ލިބުން ޔަގީންކުރުމާއި، ތައުލީމީ ނިޒާމު ހަރުދަނާވުމާއި ރައްޔިތުންގެ މެދުގައި އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކޮށް، ރައްޔިތުންނަށް ދިމާވަމުންދާ އެކި ކަހަލަ ދަތިތައް ލުއިވެ، މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ވީހާވެސް ރަނގަޅަށް ތަންފީޒުކުރެވޭނެ ގޮތް މަގުފަހިކުރުމަށް ކަމަށެވެ.