ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފުގެ މައްޗަށް ކުރާ ޓެރަރިޒަމް ދައުވާގެ ޝަރީއަތަށް އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފިއެވެ.
ޓެރަރިޒަމް ދައުވާގެ ޝަރީއަތަށް މަހުލޫފު ހާޒިރުކޮށްފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. މިދިޔަ އަންގާރަ ދުވަހު، ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ މަހުލޫފު، ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ.
މަހުލޫފުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ ތިންވަނަ ދުވަހު މާފުށީ ޖަލު ކައިރީގައި މުޒާހަރާ ކުރި މައްސަލައިގައެވެ. އޭގެ ފަހުން މަހުލޫފު ހުންނެވީ ގޭ ބަންދުގައެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުކުމްކޮށްފައިވާ ސިޔާސީ ފަރާތްތައް ކޯޓުން ދަނީ ބަންދުން ދޫކޮށްލަމުންނެވެ. މަހުލޫފުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި، ކުރީގެ ސީޕީ އަހްމަދު އަރީފް އަދި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވެސް ވަނީ ބަންދުން ދޫކޮށްލައިފައެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ޕާސަނަލް ސެކިއުރިޓީ ޓީމުގައި ހަރަކާތްތެރިވާ މުހައްމަދު އަޒުމީ އާއި އެމަނިކުފާނުގެ އޮފީހުގައި މަސައްކަތްކުރާ ނަޖުމާ އިބްރާހިމް ވެސް ވަނީ ބަންދުން ދޫކޮށްލައިފައެވެ.