އިބްރާހިމް ޒަކީ
ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އަޅާފައިވާ 7000 ފްލެޓް، ކޮވިޑް 19 އާއި ގުޅިގެން ކުލި ދެއްކުމަށް ދަތިވެ، ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭގެ ވެރިފަރާތްތަކަށް އަވަހަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް، ސަރުކާރަށް ހުށަހެޅުމަށް އިޖުތިމާއީ ކޮމިޓީގެ ރިޕޯޓްގައި ހިމަނަން ފާހެއް ނުވިއެވެ.
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު މަޖިލީހަށް މި ހުށަހެޅުން ހުށަހެޅުއްވީ، ކޮވިޑް 19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމާ މެދު ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އިޖުތިމާއީ ކޮމިޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންތައްތައް ދިރާސާކޮށް، އެދާއިރާއިން ސަރުކާރުން ކަންތައްތައް ކުރަން ކޮމިޓީން ދެކޭގޮތް ހިމަނައިގެން އެކުލަވާލާފައިވާ ރިޕޯޓުގައި ހިމަނަށް ހުށަހެޅި އިސްލާހެއްގެ ގޮތުގައެވެ.
މި ހުށަހެޅުމާއެކު، ކޮވިޑް 19 އާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ސަބަބުން ކުލި ދެއްކުމަށް ދަތިވެފައިވާ މީހުންނަށް ކުލިދެއްކޭނެ ފަދަ އެލަވަންސެއް ސަރުކާރުން ހަމަޖައްސައިދިނުމަށް ރިޕޯޓްގައި ހިމަނަން ވެސް މެންބަރު ޝިޔާމް ހުށަހެޅުއްވިއެވެ.
ނަމަވެސް ޖަލްސާއި ތިއްބެވި 72 މެންބަރުންގެ ތެރެއިން، އެ ދެ އިސްލާހު ރިޕޯޓްގައި ހިމަނަންް ވޯޓު ދެއްވީ އެންމެ ދިހަ މެންބަރުންނެވެ. އެ ދެ އިސްލާހު ރިޕޯޓްގައި ހިމަަނަން ނުފެންނަ ކަަމަށް 51 މެންބަރުން ވޯޓު ދެއްވިއެވެ.
އެހެންކަމުން އެ ދެ އިސްލާހު ނުހިމަނައި ކޮމިޓީ ރިޕޯޓް މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްްބެވި 72 މެންބަރުނުްގެ ތެރެއިން ވޯޓުގައި ވައިވެރިވެވަޑައިގެންނެވި 66 މެމްބަރުންގެ އިއްތިފާގުންނެވެ.