އިބްރާހިމް ޒަކީ
ކޮވިޑް 19ގެ ސަބަބުން ދިމާވެފައިވާ ފަދަ ހާއްސަ ހާލަތްތަކުގައި ޖިނާއީ މައްސަލަތަކުގައި އަމަކުރާނެ ގޮތް ބަޔާން ކުރާނެ ގޮތް ކަނޑައެޅުމަށް ސަރުކާރުން ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުގެ ގޮތުގައި ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެވެ.
މިބިލް ބަލައިގެންފައިވަނީ 57 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މަޖިލީހަށް ބަލައިގަތުމުން އިތުރަށް ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމެޓީއަށް ވަނީ ފޮނުވައިފަ އެވެ.
މިބިލްގައި ވަނީ މިހާރު ދިމާވެފައިވާ ފަދަ ކުއްލި ނުރައްކަލުގެ ހާލަތު ނުވަތަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާއެއް އިއުލާން ކޮށްފައިވާ ހާލަތްތަކުގައި މީހުން ހައްޔަރު ކުރުމުގު އިތުރުން ޝަރީއަތް ކުރުމާއި ބަންދާމެދު ގޮތް ނިންމުމުގައި ހާއްސަ އިޖްރައާތުތަކަށް އަމަލު ކުރަން ނިންމުމުގެ ބާރު ޕްރޮސެކިއުޓާ ޖެނެރަލާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ލިބޭ ގޮތަށެވެ.
ހަައްޔަރު ކުރެވޭ މީހަކު ނުވަތަ ހައްޔަރު ކުރުމަށް ނުވާ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުން ފުލުހުންގެ މަރުކަޒަށް ވީ އެންމެ އަވަހަކަށް ގެެންދަން ޖިނާއީ އިޖްރާއާތުގެ ގާނޫނު ލާޒިމް ކުރިޔަސް، އެ ބިލްގައި ހުށަހަޅާފައިވަނީ އެފަދަ މީހަކު ފުލުހުންގެ މަރުކަޒަށް ގެންދެވެން ނެތް ނަމަ ހޯމް މިނިސްޓްރީން ކަނޑައަޅާ އެހެން ތަނަކަށް ގެންދެވޭނެ ކަމަށެވެ.
މީގެ އިތުރުން އގާނޫނުގައި ބަޔާންކުރާ ފަދަ ކަސްޓޯޑިއަލް ޖަލެއްގައި އެފަދަ މީހަކު ބަންދު ކުރެވެން ނެތް ނަމަ، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އެ މީހަކު ބަންދު ކުރެވިދާނެ ކަމަށް ވެސް ބިލުގައި ބުނެއެވެ.
ޖިނާއީ އިޖްރާއާތުގެެ ގާނޫނު މިހާރު އޮންނަ ގޮތުން ހައްޔަރު ކުރުމަށް ފަހު ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދާ މީހުންނަށް ވަކި މުއްދަތެއްގެ ތެރޭގައި ދައުވާ ކުރަން ލާޒިމް ވިޔަސް، އެ ބިލް އޮތްގޮތުން އެފަދަ ހާލަތްތަކުގައި ދައުވާ ކުރުމުގެ އެ މުއްދަތުތަކެއް ނުހިނގާނެ އެވެ.
މީގެ އިތުރުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުންނާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ އިތުރުން ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ ދައުވާ ކުރުމުގެ މުއްދަތުތައް ވެސް އެ ހާލަތްތަކުގައި ނުހިނގާނެ ކަމަށް އެ ބިލުގައިވެ އެވެ.