އިބްރާހިމް ޒަކީ
އެކި ކަންތައްތަކަށް ފައިސާ ނަގަން ޕެންޝަން ފަންޑުގައި އަތްލައިފިނަމަ މުޅީ ގައުމުގެ މާޒީ ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 ގެ ސަބަބުން ދިމާވާ ދައިތައް ހައްލު ކުރުމަށް ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭ ގޮތަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބިލާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ކަންކަން ކުރުމަށް ފެންޝަން ފަންޑުގައި އަތްލާން ނުޖެހޭ ކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ ކަންކަން ކުރުމަށް ސަރުކާރުގައި ފައިސާ އެބަހުރި ކަމަށެވެ.
"ފައިސާ އެބަހުރި ފެންޝަން ފަންޑުގައި އަތްލާކަށެއް ނުޖެހޭނެ، ގައުމެއްގެ ޕެންޝަން ފަންޑުގައި އަތްލީމަ އެދެން މާޒީ އެގައުމެއްގެ ދިޔައީ," މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ މެނިފެސްޓޯއެއް ގެދަށުން ހިންގާ ސަރުކާރަކުން ޕެންޝަން ފަންޑަށް އެފަދަ ގޮތެއް ހަދަން ދަތިވާނެ ކަމަށާއި، އެގޮތުން މި ސަރުކާރުން ޕެންޝަން ފަންޑަށް އެފަދަ ގޮތެއް ހެދުމަށް އެއްބަސްވުމަކީ ވަރަށް ދަތިކަމެއް ކަމަށެވެ.
ފައިސާއާ ގުޅޭ ބިލުތައް ހުށަހެޅޭނީ އެ އިރެއްގައި އޮންނަ ސަރުކާރަށާއި ސަރުކާރު ނިސްބަތްވާ ޕާޓީއަށް ކަމަށް މަޖިލިސް ގަވާއިދުގައި ކަނޑައަޅާފައިވާތީ، މެންބަރު ސައީދު ފޮނުއްވި ބިލް މަޖިލީހަށް ހުށަނޭޅުމަށް މަޖިލިސް ރައީސް ވަނީ ނިންމަވައި އެކަން މެންބަރަށް އަންގަވައިފައެވެ.