އިބްރާހިމް ޒަކީ
ޕެންޝަން ފަންޑުން ފައިސާ ނެގޭނެ ގޮތެއް ގާނޫނަކުން ކަނޑައަޅަން ހިމަނައިގެން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބިލު މަޖިލީހަށް ހުށަނޭޅޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލާ ބެހޭގޮން ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ފައިސާއާ ގުޅޭ ބިލުތައް ހުށަހެޅޭނެ ގޮތް ވަރަށް ސަރީހަކޮށް މަޖިލިސް ގަވާއިދުގައި ބުނެފައިވާ ކަމަށެވެ.
އެގޮތުން މަޖިލިސް ގަވާއިދުގައި ބުނާގޮތުން މަނީ ބިލުތައް ހުށަހެޅޭނީ، އެއިރެއްގައި އޮންނަ ސަރުކާރަށް ނުވަތަ ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެ ބިލަކީ މެންބަރު ސައީދަށް ހުށަހެޅޭނެ ބިލެއް ނޫން ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ކޮވިޑް19 ގެ ސަބަބުން ހާލުގައި ޖެހޭ ފަރާތްތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރަންޖެހޭ ގޮތަށް، މިމަހު ފަސްވަނަ ދުވަހުވެސް މެންބަރު ސައީދު މިބިލު މަޖިލީހަށް ފޮނުއްވިއެވެ. ނަމަވެސް ބިލުގައި ހިމެނޭ މާލީ ކަންތައްތަކާބެހޭ ބައި ބިލުން އުނިކުރުމަށްފަހު ބިލު ފޮނުވުމަށް އެދުވަހު ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މެންބަރަށް ދެންނެވިއެވެ.
ސައީދު ފޮނުއްވި ބިލުގައި، ކޮވިޑް 19ގެ ސަބަބުން ނިކަމެތިވެ ހާލުގައި ޖެހޭ އާއިލާތަކުގައި ތިބި ޕެންޝަން ފަންޑުގެ ހައްގުވެރިންނަށް ފައިސާ ދޫކުރުމަށް ވަނީ ހިމަނައިފައެވެ.
އޭގެ އިތުރުން ކުއްޔަށް އުޅޭ ފަރާތްތަކަށް ލުއި ދިނުމުގެ އިތުރުން ޓޫރިޒަމްގެ ސިނާއަތުން ވަޒީފާ ގެއްލުނު މުވައްޒަފުންގެ ވަޒީފާ ޔަގީން ކުރުމަށްވެސް ބިލުގައި ހިމަނާފައި ވެއެވެ.